ޚަބަރު

ފަތުރުވެރިކަމުގެ ރަން އަހަރަށް ހާއްސަ ފައިސާ ފޮއްޗެއް!


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް "ގޯލްޑް ކޮއިން" ނުވަތަ ހާއްސަ ފައިސާ ފޮއްޗެއް ނެރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް އަހަރަށްވުމުން ސަރުކާރުން އަންނަނީ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް "ގޯލްޑް ކޮއިން"އެއް ތައާރަފްކުރުމަށް ނިންމައި، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

މިގޯލްޑް ޕްލޭޓެޑް ކޮއިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ގެޒެޓްގައި އިޢުލާން ކޮށްފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވަމުންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމާއި ގުޅޭ ތަފްސީލްތައް ގެޒެޓުގައި ޝާޢިއުކޮށްފައެވެ. އަދި މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 24 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް އީމެއިލްކުރުމަށް ވަނީ އަންގާފައެވެ. އަދި މިނިސްޓްރީން ދޭ ނަމޫނާއާއި އެއްގޮތަށް ގޯލްޑް ކޮއިން ތައްޔާރުކުރުމަށްފަހު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 29 އޮގަސްޓްގެ ހެނދުނު 10:00 އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުން ފުރުން ފާހަގަކުރުމާއި ދިމާކޮށް ސަރުކާރުން ގޯލްޑް ކޮއިންއެއް ތައާރަފްކުރަން ނިންމާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙު ދައްކުވައިދޭ ސްޓޭމްޕް ސެޓެއްވެސް ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ވަނީ ނެރެފައެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ރަން އަަހަރާއި ދިމާކޮށް ހާއްސަ ލޯގޯއެއް ތައާރަފްކޮށްފައިވާއިރު، ސަރުކާރުން ގެންދަވަނީ މިއަހަރުން ފެށިގެން ރަސްމީކޮށް އެ ލޯގޯ ބޭނުންކުރަމުންނެވެ.