އިނގިރޭސި ޕްރިމިއާ ލީގުގައި ވަރުގަދަ ޗެލްސީ ބަލިކޮށް ލީޑްސް ޔުނައިޓެޑުން ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ލީޑްސްއިން ޖެހި ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 33 ވަނަ މިނެޓުގައެވެ. ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ލީޑްސްއަށް ކާމިޔާބުކޮށްދިނީ ބްރެންޑެން އާރޮންސަންއެވެ. އަދި ލީޑްސްގެ ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ރޮޑްރީގޯއެވެ،
މި މެޗުގައި ލީޑްސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ ޖެކް ހެރިސަންއެވެ. މި މެޗުގައި ޗެލްސީއަށްވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބިގެން ދިޔަ ނަމަވެސް, އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަދި މި މެޗުގެ 84 ވަނަ މިނެޓުގައި ވަނީ ޗެލްސީއާ މި ސީޒަނަށް އަލަށް ގުޅުނު ޑިފެންޑަރު ކަލީދޫ ކުލިބާލީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
ޗެލްސީ އަތުން ހޯދި މޮޅާއެކު ލީޑްސް ވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޗެލްސީ އުޅެނީ ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.