ވިޔަފާރި

މަހުގެ އެކްސްޕޯޓް ބާޒާރުތައް 14 އަށް އިތުރުވެއްޖެ


ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތައް، އެކްސްޕޯޓްކުރެވޭ މާކެޓްގެ ޢަދަދު 14 އަށް އިތުރުވެއްޖެކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ޔޫރަޕް މާކެޓުގެ އިތުރުން، އެމެރިކާއަށް އެކްސްޕޯޓް ކުރެވޭ މަހުގެ އުފެއްދުންތައްވެސް ނިސްބަތުން ދަނީ އިތުރުވަމުންނެވެ. މިއީ، ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތައް، އައު މާކެޓްތަކަށް އިޝްތިހާރު ކުރުމަށާއި، ދިވެހިރާއްޖޭގެ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ އެމް.އެސް.ސީ ސެޓްފިކެޓް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރު ހިންގުނު ތަފާތު ޕްރޮގްރާމްތަކުގެ ސަބަބުން ލިބުނު ކާމިޔާބީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތަރައްޤީއާއި ގުޅޭގޮތުން ވާހަކަފުދައްކަވަމުން، ޤުދުރަތީގޮތުން ދިމާވާ އެކިއެކި ހާދިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތަށްވެސް އަލިއަޅުއްވާލެއްވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި ގުޅިވަޑައިގެން ސަރުކާރުން މިހާރު ވަނީ ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް ތަޢާރުފްކުރައްވާފައެވެ.