ކުޅިވަރު

ވައިބާރުވުމުގެ ސަބަބުން ގައްބެ މިއަދު ދަތުރެއް ނުކުރާނެ


ރިޔަލު ކަނދުގައި ރާއްޖެ ވަށާ ބުރުޖެހުމުގެ ތާރީޚީ ދަތުރު ފަށާފައިވާ އަބުދުލްޣަފޫރު އަލީ ( ގައްބެ ) މިއަދު ދަތުރުނުކޮށް، ލ.ގަމުގައި މަޑުކުރަން ނިންމައިފިއެވެ. އޭނާ މިގޮތަށް ނިންމީ އުއްމީދުކުރިވަރަށްވުރެ ވައިބާރުވެ މޫސުމާއި ބެހޭ އިދާރާއިންވެސް އެގޮތަށް ލަފާދީ، މޫސުން ރަނގަޅު ނޫންކަމަށް ބުނާތީއެވެ.މިއަދު ހެނދުނު ގަމުން ފުރައިގެން ހުވަދު ކަނޑު ހުރަސްކޮށް، ހުވަދުއަތޮޅަށް ދާން އޮތްނަމަވެސް، އަބުދުލްޣަފޫރު އަލީ ދެން ދަތުރަށް ފަށާނީ މޫސުމަށް ބެލުމަށްފަހު، ވައިޖެހޭ ބާރުމިނެއް ބަލައި މާދަމާ ހެނދުނު 5:30 ހާއިރުއެވެ. " އުއްމީދުކުރިވަރަށްވުރެވެސް ވައިބާރުކޮށް އުޅެނީ. ވިލާތައްވެސް ވަރަށް އެހެންކަހަލަ ގޮތަކަށް އުޅެނީ. މޫސުމާއި ބެހޭ އިދާރާއިންވެސް އަދި ހުރިހާ ސައިޓްތަކުންވެސް ދައްކަނީ ވައިބާރުކަމަށް. އެހެންނަމަވެސް މާދަމާ ރަނގަޅުކަމަށް ދައްކަނީ. އެހެންވީމާ މާދަމާ ހެނދުނު ދަތުރަށް ފަށާނީ. " ގަމުގައި ހުރެ ގައްބެ ބުންޏެވެ.މިއަދު ގަމުގައި މަޑުކުރި ނަމަވެސް ގުޅިފައިވާ ރަށްތަކަށް ރިޔަލު ކަނދުގައި ދަތުރުކޮށް ލ.އަތޮޅުގެ ރަށްތަކަށް އަރާނެކަމަށް އޭނާ ބުންޏެވެ. މިއީ ވިޒިޓް އިޔަރ 2016 އާއި ގުޅިގެން ރާއްޖޭގެ ފަޠުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.