ޚަބަރު

އައްޑޫ ސިޓީ މީދޫގެ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށައިފި


އައްޑޫ ސިޓީ މީދޫގައި ސަރުކާރުން ޤާއިމް ކުރައްވާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.މި މަސައްކަތް ކުރަމުންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މީދޫގައި ޤާއިމްކުރާ ފެނުގެ ނިޒާމް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ އެ ރަށުގައި ބާއްވާފައެވެ.މި މަޝްރޫޢުގެ ދަށުން މީދޫގައި ފެންހޮޅި ވަޅުލައި، ހުރިހާ ގެއަކަށް ފެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުދޫގައި ޤާއިމްކުރަމުންދާ ފެނުގެ ނިޒާމާއި ގުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، އައްޑޫ ސިޓީ މީދުއަކީ އެ ސިޓީގެ ރަށްތަކުގެ ތެރެއިން މަސައްކަތް ފެށިގެންދާ އެންމެ ފަހު ރަށް ކަމަށެވެ. އެ ސިޓީގެ ހިތަދޫ މެދު ސަރަހައްދާއި، ހުޅުދޫ، ފޭދޫ، މަރަދޫފޭދޫ، އަދި މަރަދޫގައި ފެނުގެ ނިޒާމްގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ. އަދި މި މަހުގެ ތެރޭގައި ހުޅުދޫ އަދި ފޭދޫގައި ފެނުގެ ޚިދުމަތް ދެވިގެންދާނެ ކަމަށްވެސް ފެނަކައިން ހާމަކުރެއެވެ.މީދޫގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ މަސައްކަތް އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، އެއާއެކު މުޅި އައްޑޫ ސިޓީއަށް ސާފު ބޯފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މާލެ ފިޔަވާ އެންމެ އާބަދީ ބޮޑު ސަރަޙައްދަކީ އައްޑޫ ސިޓީ ކަމަށްވުމާއެކު، ސަރުކާރުން ގެންދަވަނީ އެ ސިޓީގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއްް ކުރައްވަމުންނެވެ.