ތިމާވެށި

ވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޓެސްޓް ރައުންޑްތައް ފަށަނީ


ރ. ވަންދޫގައި ތަރައްޤީކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ޤާއިމުކުރައްވާފައިވާ އިންސިނިރޭޓަރު އިންސްޓޯލްކުރައްވައި، ޓެސްޓް ކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.ގާތްގަނޑަކަށް ދިހަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ރ. ވަންދޫގައި ހިންގަވާ މި މަޝްރޫޢަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަރައްޤީކުރެވިގެންދާ ފުރަތަމަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެވެ. މި މަޝްރޫޢު ހިންގެވުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވާ މޯލްޑިވްސް އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓް – މެމްޕްގެ ސްޕެޝަލިސްޓް ކޯރޑިނޭޓަރ އަޙުމަދު ނިޒާމް ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންސްތައް ފެއްޓެވުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެތަނުގައި ޤާއިމުކުރައްވާފައިވާ އިންސިނިރޭޓަރު ޓެސްޓްކުރެއްވުމުގެ މަސައްކަތް ކުރުމަށްޓަކައި، އިންސިނިރޭޓަރ ސަޕްލައިކޮށްދިން ޖަރުމަނަވިލާތުގެ ކުންފުނީގެ ޓީމެއް މިހާރު އެރަށުގައި ޙަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެ ސެންޓަރަށް ބޭނުންވާ ފެނާއި ކަރަންޓްގެ ކަންތައްތައް ހަމަޖެހިފައިވާކަމަށް ނިޒާމް ވިދާޅުވިއެވެ. ވަންދޫގައި ޤާއިމުކޮށްފައިވާ އިންސިނިރޭޓަރަކީ ދުވާލެއްގެ މައްޗަށް 40 ޓަނުގެ ކުނި މެނޭޖްކުރެވޭ ނިޒާމެކެވެ.މީގެއިތުރުން ނިޒާމް ވިދާޅުވީ، އެ ސަރަޙައްދުގައި ހިމެނޭ ރަށްތަކުން ވަންދުއަށް ކުނި ޖަމާކުރެއްވުމަށް ބޭނުންކުރައްވާ ދެއުޅަނދުގެ ތެރެއިން އިންޑިއާއިން ގެންނަ ލޭންޑިންގ ކްރާފްޓް މިހާރު ރާއްޖެ ގެންނަވައި ރަޖިސްޓްރީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ތިލަފުށީގައި ބަންނަ ބާޖުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށްވެސް ނިޒާމް ވިދާޅުވިއެވެ. ވަންދޫ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް އެ ސަރަޙައްދުގައި ހިމެނޭ ރަށްތަކުން ކުނިނައްތާލުމުގައި ރަށުގެ އާބާދީއަށާއި، ކުނި އުފައްދާ މިންވަރަށް ބަލާ، ވަކި ޚާއްޞަ ފީއެއް ނެންގެވުމަށް ވަނީ ހަމަޖެހިފައެވެ. ވޯލްޑް ބޭންކްގެ އެހީގައި ހިންގަވާ މޯލްޑިވްސް އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން ވަންދޫގައި ޤާއިމުކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންސްތައް ފެއްޓުމާއެކު، އެ ސަރަޙައްދުގައި ހިމެނޭ 44 ރަށުގައި ކުނި ނައްތާލުމުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.