ޚަބަރު

ޖަޕާނުގެ އެހީއާއެކު ގުރައިދޫ މަރުކަޒުގައި ސިއްޙީ އަވަސް ފަރުވާގެ ޚިދުމަތް ޤާއިމުކޮށްފި


ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނުން ފޯރުކޮށްދިން އެހީއާއެކު ސިއްޙީ އަވަސް ފަރުވާގެ ޚިދުމަތް މަރުކަޒުގައި ޤާއިމުކުރެވިއްޖެކަމަށް ޖެންޓަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މަރުކަޒު މަރާމާތުކުރުމަށް ޖަޕާނުން އެހީގައި ކުރިއަށް ގެންދިޔަ 1.3މިިލިއަން ރުފިޔާގެ ޕްރޮޖެކްޓްގެ މަސައްކަތް ނިމުން ފާހަގަކުރުމަށް، ގުރައިދޫ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ވިދާޅުވީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަކީ، އަބަސްދުވެސް ސިއްޙީ އަވަސް އެހީތެރިކަން ބޭނުންވާ މީހުންކަމަށެވެ. އަދި ސިއްޙީ އެމަޖެންސީ ޙާލަތްތުގައި ފާރުވާ ދޭންޖެހޭ ޙާލަތްތައް ކޮންމެ ދުވަހަކުހެންމެ ކުރިމަތިވާކަމަށެވެ.

ނަމަވެސް މަރުކަޒުން އެ ޚިދުމަތްތައް ދެވެން ނެތުމުގެ ސަބަބުން، ބައެއް ކުދިކުދި ކަންކަމުގައިވެސް ބަލިމީހާ މާލެ ފޮނުވަންޖެހޭކަމަށެވެ. މިކަމުގެ ސަބަބުން ފަރުވާ ފޯރުކޮށްދެވުން ލަސްވެ، ހިތާމަވެރި ހާލަތްތައްވެސް ކުރިމަތިވާކަމަށެވެ. އަދި ކޮންމެ ފަހަރަކު ބަލިމީހާ ޑޮކްޓަރަށް ދައްކަން މާލެ ގެންދަން ޖެހުމަކީ، މަރުކަޒުގެ ބަޖެޓުންވެސް އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަންތައްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގުރައިދޫ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތްކުރުމަށާއި މެޑިކަލް ވޯޑަށް ބޭނުންވާ ވަސީލަތްތަކަށް ޖަޕާނު ސަރުކާރުން 86961 އެމެރިކާ ޑޮލަރު (1.3 މިލިއަން ދިވެހި ރުފިޔާ) ވަނީ ހޭދަކޮށްފައެވެ.

"ކޮންމެ ދުވަހަކު އެމަޖެންސީ ކޭސްތައް އާދޭ. ލޯންޗެއް ކުއްޔަށް ނަގައިގެން މާލެއާ ހަމައަށް ގެންދެވެނީ. ޖަޕާނުގެ އެހީއާއެކު، މަރުކަޒުގެ ކްލިނިކް އިމާރާތް މުޅިން މަރާމާތުކޮށް، ކްލިނިކަށް އެމަޖެންސީއެއްގައި ބޭނުންވާނެ ހުރިހާ ވަސީލަތްތައް މިހާރު މިހުރީ ހަމަކޮށްފައި." ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަރުކަޒުގައި ސިއްޙީ އެހީދޭ މުވައްޒަފުން އިތުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ޓަކެއޫޗީ މިދޯރީއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ.

މި މަސައްކަތުގައި މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތުކުރުމަށްފަހު އެވޯޑަށް ބޭނުންވާ ވަސީލަތްތަކާއެކު ވަނީ ހަވާލުކޮށްފިއެވެ. މި އެހީ ދިނުމުގެ އެއްބަސްވުމުގައި ޖަޕާނަ ރާއްޖެއާ ދެމެދު ސޮއިކުރީ 9 ޖަނަވަރީ 2020 ގައެވެ.

މަރުކަޒުގައި މި ވަގުތު ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 191 މީހުން ބަލަހައްޓަމުންދެއެވެ.