ދިރިއުޅުމަށް، ގޯތީގެގޮތުގައި ހުޅުމާލެއިން 74 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ. މި ބިންތައް ވިއްކާނީ ބީލަމުގެ އުސޫލުންނެވެ.
އެޗްޑީސީން ވިދާޅުވީ ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންކަމަށެވެ. މި ބިންތަކަކީ 1095 އަކަފޫޓާއި 2588 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
މީގެތެރޭގައި ހިމެނެނީ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ 22 ބިމަކައި އަތިރިމައްޗާ ކައިރިން ދޫކުރާ 52 ބިމެކެވެ.
ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ ބިންތަކުގެ ބީލަން ފަށާ އަގަކީ އަކަފޫޓަރަކަށް 6500 ރުފިޔާއެވެ. އަދި އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތައް ވިއްކަން ބީލަން ފަށާ އަގަކީ އަކަފޫޓަކަމަށް 5500 ރުފިޔާއެވެ. މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ ހުންނަންޖެހޭނެއެވެ.
ހުޅުމާލެއިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމް ވިއްކަން ހުޅުވާލާނީ އޮގަސްޓް 21ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހާ ހަމައަށެވެ. ފޯމު ދޫކުރާނީ އެޗްޑީސީގެ ރިސެޕްޝަނުން، ހެނދުނު 09:00އާއި މެންދުރު 13:00އާ ދެމެދުގައެވެ.
ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ވިއްކާ ބިންތަކަށް ބީލަން ހުލުވާލުން އޮންނާނީ 11ސެޕްޓެމްބަރުވާ އާދީއްތަ ދުވަހުގެ 13:00ގައެވެ.
އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތަކަށް ބީލަން ހުޅުވާލުން އޮންނާނީ 12 ސެޕްޓެމްބަރުވާ ހޯމަ ދުވަހުގެ ހެނދުނު 09:00ގައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުންނަށް ގޯތީގެ ގޮތުގައި ބިން ވިއްކާ މިއީ 3ވަނަ ފަހަރެވެ. މިހާތަނަށް މުޅިންވެސް ގޯއްޗަށް ބިން ދޫކުރަމުންދަނީ ދެވަނަ ފިޔަވަހިންނެވެ.
އެންމެ ފަހުން ގޯތި ދޫކުރީ މިއަހަރުގެ ކުރީކޮޅުއެވެ. އެއީ އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ. އަދި ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރި 26 ގޯއްޗެއްވެސް ހިމެނެއެވެ.
އޭގެ ކުރިންވެސް ހުޅުމާލެ ދެވަނަ ފިޔަވަހީ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ބިން ދޫކުރިއެވެ. މިގޮތަށް ދޫކޮށްފައިވާ ބައެއް ބިންތަކުގައި ދިރިއުޅުމަށް ގެދޮރު ހަދައި، މިހާރުވެސް ގިނަ އާއިލާތަކަކުން އަންނަނީ ދިރިއުޅެމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުރަތަމަވެސް މީހުން ދިރިއުޅެން ފެށީ، އަމިއްލަ ފަރާތްތަކުން ގަނެ އިމާރާތްކުރި ގެތަކުގައެވެ.