ކުޅިވަރު

އިނގިރޭސި ބިލިޔަނަރު ރެޓްކްލިފް ޔުނައިޓެޑް ގަންނަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ގަތުމުގެ ޝައުގުވެރިކަން ހުރިކަން އިނގިރޭސިވިލާތުގެ ބިލިޔަނަރު ސާ ޖިމް ރެޓްކްލިފް ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ޔުނައިޓެޑްގެ މިހާރުގެ ވެރިންކަމަށްވާ ގްލޭޒަރ ފެމިލީއިން އެކްލަބްގެ ކުޑަބައެއް ވިއްކާލަން އުޅޭކަމުގެ ވާހަކަ ބްލޫމްބަރގްއިން ހާމަކޮށްފައިވަނިކޮށެވެ.

ރެޓްކްލިފްގެ ތަރުޖަމާނު ހާމަކުރިގޮތުގައި ޔުނައިޓެޑް ވިއްކާލަން އުޅޭކަމުގައިވާނަމަ ރެޓްކްލިފް ވެގެންދާނީ އެކަމަށް ޝައުގުވެރިކަން ފާޅު ކުރާނެ އެކަކަށް ކަމަށެވެ. އަދި މިފަދަ ފުރުސަތެއް އޮތް ކަމަށްވާ ނަމަ ދިގުމުއްދަތެއްގ ތެރޭގައި އެކްލަބް ގަތުމަށް ޝައުގު ހުރި ކަމަށް އޭނާ ހާމަކުރިއެވެ.

އުމުރުން 69 އަހަރުގެ ބިލިނެއަރު މިކަން ހާމަކޮށްފައިވާއިރު މިސީޒަންގައި ޔުނައިޓެޑް އުޅެނީ ޕްރިމިއަރ ލިގުގައި މިހާތަނަށް ކުޅުނު ދެމެޗަށްފަހު ތާވަލްގެ އެންމެ ފުލުގައެވެ. އާކޯޗް އެރިކް ޓެން ހާގްގެ ދަށުން ޔުނައިޓެޑުން ދައްކަމުންދާ ކުޅުމުގެ ސަބަބުން ގިނަބަޔެއްގެ ފާޑު ކިޔުން އަންނަނީ ގްލޭޒަރ ފެމިލީއަށް އަމާޒުވަމުންނެވެ. އަދި ފަހަކަށް އައިސް ގްލޭޒަރ ފެމިލީއިން ކްލަބްގެ ކަންތައްތައް ކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެއްވުންތައް ބާއްވާފައެވެ. މިގޮތުން ޔުނައިޓެޑާއި ލިވަޕޫލް މިދިޔަ ސީޒަންގައި ކުޅެން އޮތް މެޗެއްވެސް ވަނީ މިގޮތުން ބޭއްވި އެއްވުމެއްގެ ސަބަބުން ފަސް ކުރަންޖެހިފައެވެ.

ކެމިކަލް ގްރޫޕް އިނެއޯސްގެ މެޖޯރިޓީ ހިއްސާ އިންނަ ރެޓްކްލިފްއަކީ ކުޑައިރުން ފެށިގެން ޔުނައިޓެޑަށް ސަޕޯޓްކުރަމުން އަންނަ އެކްލަބްގެ ސަޕޯޓަރެކެވެ.