ކުޅިވަރު

ސައްތައިން ސައްތަ ރިކޯޑަކާއެކު ބުރު ސްޕޯޓްސްއަށް ޗެމްޕިއަންކަން


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެ ބުރު ސްޕޯޓްސް ކުލަބުން ސައްތައިން ސައްތަ ރިކޯޑަކާއެކު ޗެމްޕިއަންކަން ހޯދައިފިއެވެ.

ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ކުލަބު ޓީނޭޖުގެ މައްޗަށް ބުރު ސްޕޯޓްސް ކުރި ހޯދާފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ބުރުން ޓީނޭޖުގެ ހާފަށް ބާރުބޮޑުކުރިއިރު މެޗުގެ 30 ވަނަ މިނެޓުގައި ބުރުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފިލްޑަރު މަރްޖޯލް ކަސިމޯވްއެވެ. މިއީ ޓީނޭޖުގެ އޭރިއާ ތެރެއިން ބުރުގެ ކެޕްޓަން ބޭންޑު އަޅައިގެން މި މެޗު ކުޅުނު މުޙައްމަދު ތަސްނީމް (ތައްތި)އަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން މަރްޖޯލް ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޓީނޭޖުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތައްތިއެވެ.

ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގެ ތެރޭގައި ބުރުން ވަނީ އިތުރު ލަނޑެއް ޖަހާ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. ތައްތިގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި މަރްޖޯލްއެވެ. މި މެޗުގައި ބުރުން ކާމިޔާބުކުރި ފަހު ލަނޑު ބުރަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ ޝާފިއު (ޝާއްޕެ)އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ތައްތިގެ އެހީތެރިކަމާއެކުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބުރު ސްޕޯޓްސް ކުލަބްގެ ކޯޗު އާފިއު މުޙައްމަދު ބުނީ މިއީ އަދި ޗެލެންޖެއްގެ ފެށުން ކަމަށެވެ. އެގޮތުން މި ކާމިޔާބީއާއެކު ކުރިއަށް ދެން ޖެހޭނީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅެން ކަމަށާއި، ކޮލިފިކޭޝަނަކީ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތަށްވުރެ ބޮޑު ޗެލެންޖެއް ކަމަށް އާފިއު ބުންޏެވެ.

އާފިއު އިތުރަށް ބުނީ ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ބުރަށް ވާދަކުރަން ޖެހޭނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުަލަބާ ދެކޮޅަށް ކަމަށް ކުރިން ހީކުރި ކަމަށާއި އެކަމަކު ކަން ދިމާކުރި ގޮތުން ނިއުރޭޑިއަންޓާ ކުޅުން ޖެހުނީ ސެމީ ފައިނަލުގައި ކަމަށެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބުރު ސްޕޯޓްސް ކުލަބުގެ ބިދޭސީ ފޯވާޑް ސްޓެފަން ޑްރިޗް ހޮވުނުއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކުލަބް ޓީނޭޖްއެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މެޗަކުން ބަލިނުވެ ބުރު ސްޕޯޓްސްއިން ކާމިޔާބުކުރިއިރު، 2020 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތްވެސް ބުރުން ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބުރާއި ރަނަރަޕް ޓީނޭޖަށް ދެން އޮތީ އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދަން ކުޅެން ޖެހޭ ކޮލިފިކޭޝަން ބުރެވެ. އެ ބުރުގައި ޓީނޭޖާއި ބުރު ނުކުންނާނީ ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އެންމެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.