ޓުއަރިޒަމް

ލޯކަލް ޓުއަރިޒަމް ވ.ކެޔޮދޫގައި އަންނަނީ ތަރައްޤީވަމުން


ވ.ކެޔޮދޫ ކައުންސިލްގެ އަމާޒަކީ، މިއަހަރު ނިމޭއިރު ކެޔޮދޫގައި ހުރި ހުރިހާ ގެސްޓްހައުސެއްގެ ކެޕޭސިޓީ އިތުރުކުރައްވާ އެއްފަހަރާ ސަތޭކަ ފަތުރުވެރިން އެރަށުގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސެވުންކަމަށް ކެޔޮދޫ ކައުންސިލްގެ ރައީސް އަޙުމަދު ޔޫސުފް ވިދާޅުވެއްޖެއެވެ.ހަލުވިކަމާއެކު ލޯކަލް ޓޫރިޒަމް ތަރައްޤީވަމުން އަންނަ ވ.ކެޔޮދޫގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަސް ގެސްޓްހައުސް މިހާރުވެސް އެރަށުގައި އެބަހުއްޓެވެ. ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ޔޫސުފް ވިދާޅުވީ އިތުރު ހަތަރު ގެސްޓް ހައުސް ރަޖިސްޓްރީކޮށް، އެތަންތަން ނިންމުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށެވެ. ލޯކަލް ޓޫރިޒަމަކީ ކެޔޮދޫގެ ރައްޔިތުންނަށް އެތައްގޮތަކުން ފައިދާހުރި މަސައްކަތަކަށްވާތީ މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ މަސް ނިމޭއިރު ސަތޭކަ ފަތުރުވެރިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖެހުމަކީ މިހާރު ކުރާ އެންމެ ބޮޑު އެއް އުއްމީދު ކަމަށް އަޙްމަދު ޔޫސުފް ވިދާޅުވިއެވެ." މިރަށުގެ ފަންސާހަކަށް މީހުން މިހާރުވެސް މިދާއިރާގެ ތަފާތު ވަޒީފާތަކުގައި އެބަތިބި. ރަށުގައި ތިބެގެން މިފަދަ ވަޒީފާތައް އަދާކޮށް އާމްދަނީ ލިބުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރެވިއްޖެނަމަ މި ޢަދަދު އިތުރު ކުރެވޭނެ. އެންމެ މަދުވެގެން ގާތްގަނޑަކަށް 80 އެއްހާ މީހުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާނެ. ބައެއްކަހަލަ ދަތިތައްވެސް އެބަހުރި. މިސާލަކަށް ރަނގަޅު ބަނދަރެއް ހެދިއްޖެ ކަމަށްވާނަމަ މިކަމުގައިހުރި ބައެއްކަހަލަ ހުރަސްތައް ނެތިދާނެ. " ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ޔޫސުފް ވިދާޅުވިއެވެ.އާބާދީގައި އަށްސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ކެޔޮދޫގައި މިވަގުތުވެސް ފަސްދޮޅަސް ހަތަރު ފަތުރުވެރިން އެބަތިބި ކަމަށް ކެޔޮދޫން ކައުންސިލުން ހާމަކުރައްވައެވެ.