ޚަބަރު

އެމްޕީއެލްއިން އިމާރާތްކުރާ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމަނީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިމޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މި ފްލެޓްތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން އޮފީސްތަކަށް ޚާއްސަކޮށްގެން އަޅާ އިމާރާތްތަކުން އެމްޕީއެލްގެ މުޢައްޒަފުންނަށް ޚާއްސަކުރި ފްލެޓްތަކެވެ. ހިޔާ މަޝްރޫޢުގެދަށުން އެމްޕީއެލްއިންދަނީ 15 ބުރީގެ 3 އިމާރާތުގެ މަސައްކަތް ހުޅުމާލެ ދެވަނަ ފިޔަހީގައި ކުރަމުންނެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިހާރުކުރިއަށް ދަނީ ފްލެޓްތަކުގެ މަސައްކަތް ގޮސް ހުރި ހިސާބު ފްލެޓް ލިބުނު މުއައްޒަފުންނަށް ދެއްކުމުގެ މަރުޙަލާއާއި މުއައްޒަފުންގެ ޑައުންޕޭމަންޓްގެ މަރުހަލާކަމަށެވެ. އެހެންނަމަވެސް މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމުގައި އަދިވެސް ލަސްތަކެއް އުޅޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންޓްރެކްޓަރާއެކު މިހާރު މަސައްކަތްކުރަމުން މިދަނީ 31 އޮކްޓޯބަރަށް ޑެޑްލައިންއަށް މަސައްކަތް ނިންމުމަށް. އެހެންނަމަވެސް މަސައްކަތް ދާގޮތުން އަޅުގަނޑަށް ހީވަނީ އަދި ކޮންމެވެސް ވަރެއްގެ ޑިލޭތަކެއް އުޅޭނެހެން. އެހެންނަމަވެސް މަސައްކަތްކުރާނީ ވީހާވެސް އަވަހަކަށް މިއަހަރު ނިމި އަންނަ އަހަރުގެ ކުރީކޮޅަށް ތަން ކޮމްޕްލީޓްކޮށްފަ މުއައްޒަފުންނަށް ވަދެވޭނެގޮތެއް ހަދަން." އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިމަސައްކަތް ނިންމުމުގައި ލަސްތަކެއް ދިމާވީ ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުންއަކަށް ދާން ޖެހުމާއި ގުޅިގެންކަމަށެވެ. ލޮކްޑައުން ދުވަސްވަރު މަސައްކަތްތައް އެއްކޮށް ހުއްޓުމަކަށް އައިކަމަށް ޝާހިދު ވިދާޅުވިއެވެ.

"ބައެއް ފަހަރު މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކާއި ކޯވިޑްގެ ހާލަތާ ގުޅިގެން އައި ބައެއް މައްސަލަތަކާއި އެކުވެސް ލަސްތަކެއް އައި. އޭގެ އިތުރުން ބައެއް މެޓީރިއަލްތައް ހޯދުމުގަ ދަތިތަކެއް އައި. ދޮރާ ކުޑަދޮރާ ފާޚާނާ ސެޓުތައްވެސް ރާއްޖޭން ބޭރުން ޝިޕްކުރުމުގައި ވަރަށް ގިނަ ޑިލޭތަކެއް އައި" އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިމަސައްކަތް ނިންމުމުގައި ލަސްތަކެއް ދިމާވީ ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުންއަކަށް ދާން ޖެހުމާއި ގުޅިގެންކަމަށެވެ. ލޮކްޑައުން ދުވަސްވަރު މަސައްކަތްތައް އެއްކޮށް ހުއްޓުމަކަށް އައިކަމަށް ޝާހިދު ވިދާޅުވިއެވެ.

"ބައެއް ފަހަރު މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކާއި ކޯވިޑްގެ ހާލަތާ ގުޅިގެން އައި ބައެއް މައްސަލަތަކާއި އެކުވެސް ލަސްތަކެއް އައި. އޭގެ އިތުރުން ބައެއް މެޓީރިއަލްތައް ހޯދުމުގަ ދަތިތަކެއް އައި. ދޮރާ ކުޑަދޮރާ ފާޚާނާ ސެޓުތައްވެސް ރާއްޖޭން ބޭރުން ޝިޕްކުރުމުގައި ވަރަށް ގިނަ ޑިލޭތަކެއް އައި" އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނީ އެކުންފުނީގެ ފްލެޓްތައް ލިބޭ ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓް ގަތުމަށް 3 ގޮތެއް އިޚްތިޔާރު ކުރެވޭނެ ކަމަށެވެ. ފުރަތަމަ ގޮތަކީ އެއްފަހަރާ ފްލެޓަށް ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ އެއްއަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. ތިންވަނަ ގޮތަކީ ބޭންކު ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ. އެއަށްފަހު މުވައްޒަފުން އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ ކަނޑައެޅިފައިވާ މުއްދަތަށް ފައިސާ ނުދެއްކިއްޖެނަމަ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ދެން ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރާނެކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މުވައްޒަފުންނަށް ލުއިފަސޭހަ ގޮތަކަށް ފައިސާދެއްކޭނެ ގޮތްތައް ކަނޑައެޅުންކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ވިއްކުމަށް ކަނޑައަޅާފައި ވަނީ 4 ކެޓަގަރީއަކުން 534 ފްލެޓެވެ. އެއީ 1 ކޮޓަރީގެ ފްލެޓުގެ 204 ފްލެޓާއި 1+2 ކޮޓަރީގެ ފްލެޓުގެ 330 ފްލެޓެވެ.

އެމްޕީއެލް ހިޔާ ފްލެޓް ވިއްކުމަށް ކަނޑައަޅާފައިވާ 4 ކެޓަގަރީ :

1 ކޮޓަރީގެ ޓައިޕް-އޭ ފްލެޓް - 454 އަކަފޫޓު / 800،000ރ
1 ކޮޓަރީގެ ޓައިޕް-ބީ ފްލެޓް - 471 އަކަފޫޓު / 828،132ރ
1+2 ކޮޓަރީގެ ޓައިޕް-އޭ ފްލެޓް - 670 އަކަފޫޓު / 1،500،000ރ
1+2 ކޮޓަރީގެ ޓައިޕް-ބީ ފްލެޓް - 686 އަކަފޫޓު / 1،535،821ރ

އެމްޕީއެލްއިން ބުނީ ފްލެޓްތަކުގެ ހުރިހާ ޔުނިޓްތަކެއްވެސް މިހާރު މުވައްޒަފުން ނަގާފައިވާކަމަށެވެ. އަދި ވެއިޓް ލިސްޓްގަވެސް ބައިވަރު މުއައްޒަފުން ތިބިކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޕީއެލް ހިޔާ ފްލެޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓެއް ފުރަތަމަ އިޢުލާނުކުރީ 2018ވަނަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އަލަށް ހަވާލުވި މެނޭޖްމަންޓުންވަނީ ޕޮއިންޓް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅާފައެވެ. ހަމަހަމަ އުސޫލެއްގެދަށުން ފްލެޓްތައް ދިނުމަށްޓަކައި ފުރަތަމަ ނެރުނު ވަގުތީ ލިސްޓް ކެންސަލްކޮށް 2019 ވަނަ އަހަރު އަލުން ފޯމު ހުށައެޅުމަށް ހުޅުވާލިއެވެ. އަދި 2020 ވަނަ އަހަރު ވަގުތީ ލިސްޓު އިއުލާން ކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު ޝަކުވާތަކަށް ވަނީ ރިއާޔަތްކޮށްފައެވެ.