ޚަބަރު

ތިނަދޫ އިންޖީނުގޭގަ ރޯވި ހާދިސާ ތަހްޤީޤްކުރަން ގޮވާލައިފި


ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާ ހިނގި ގޮތުގެ ތަޙްޤީޤު އަވަސްކޮށް، އެއީ ބަޔަކު ޤަޞްދުގައި ކުރިކަމެއްނަމަ އެކަން ކުރި ބަޔަކާމެދު ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގޮވާލައްވައިފިއެވެ. މިކަމަށް ގޮވާލައްވާފައިވަނީ، ޖެނުއަރީ 25 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ތިނަދޫ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާގައި އެ އިންޖީނުގެ އެއްކޮށް އަނދައި ހުލިވެގެން ދިޔުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެޗް.އާރު.ސީ.އެމުން ނެރުއްވި ބަޔާނެއްގައެވެ. ތިނަދޫ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާގައި އެ އިންޖީނުގެ އެއްކޮށް އަނދައި ހުލިވެގެން ދިޔުމުން އެކަމާ ގުޅިގެންއެޗް.އާރު.ސީ.އެމުން ނެރުއްވިބަޔާންގައި ވިދާޅުވެފައިވަނީ، ކަރަންޓާއި ސާފު ބޯފެނަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް ވާހިނދު، ތިނަދޫގެ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާއާ ގުޅިގެން ކަރަންޓުގެ ޚިދުމަތް ކެނޑި އަދި ރަށުން ސާފުބޯފެން ހުސްވެދާނެ ކަމުގެ ބިރުވެރި ޙާލަތުން ތިނަދޫގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއި ދައުލަތުގެ މުއައްސަސާތަކާއި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ތިނަދޫގެ ކެތްތެރި ރައްޔިތުންނާ ގުޅިގެން ކުރެއްވި ބުރަ މަސައްކަތަކީ އިންސާނީ ޚިދުމަތުގެ ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި މި ފަރާތްތަކުން ރައްޔިތުންނާ ގުޅިގެން ރެއާއި ދުވާލު މެދުކެނޑުމެއްނެތި ކުރެއްވި ބުރަ މަސައްކަތުން، އެ ހިތާމަވެރި ބިރުވެރި ޙާދިސާ ހިނގިތާ އެންމެ ހަތަރު ދުވަހުގެ ތެރޭގައި މުޅި ތިނަދޫގެ ރައްޔިތުންނަށް ކަރަންޓާއި ފެނުގެ ޚިދުމަތް އިޔާދަ ކޮށްދެއްވިކަން މިބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.  މިފަދަ ހިތާމަވެރި ކޮންމެ ޙާދިސާއަކީ ކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ރައްޔިތުންނާއި ދައުލަތަށް މާލީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށާއި، ޞިއްޙީ ޚިދުމަތްފަދަ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްދޭ އެކި އެކި މުއައްސަސާތަކުގެ މަސައްކަތް ހުއްޓި ސްކޫލްތަކުގެ ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރައި މިފަދަ އެތައް ކަމެއް ދިމާވާނެ ކަމެކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ކުރިމަގުގައި މިފަދަ ނުރައްކާތެރި ހިތާމަވެރި ޙާދިސާއެއް ރާއްޖޭގެ އެއްވެސް ރަށަކަށް ދިމާވެއްޖެނަމަ، ރައްޔިތުންނަނަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ކޮންޓެއިނަރައިޒްޑް މޮބައިލް ޕަވަރ ހައުސްތަކެއް ގާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާ ނިންމުމަކީ ކުރިމަގަށް އެޅުނު ހަރުދަނާ މުހިއްމު ފިޔަވަޅެއް ކަމުގައި ފާހަގަކުރައްވައި އެކަމަށްޓަކައި ފެނަކަ ކޯޕަރޭޝަނަށް އެކޮމިޝަނުންވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ކުއްލި ޙާލަތްތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާ މޮބައިލް ޕަވަރހައުސްގެ މަސައްކަތް އަވަސްކުރުމަށާއި، ރަށްރަށުން ސާފު ބޯފެން ހުސްވެގެންދާ ޙާލަތްތަކުގައި ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރު ކޮށްދިނުމަށްޓަކައި ވެސް މިފަދަ ނިޒާމެއް ޤާއިމުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އެފަދަ އިންތިޒާމެއް ވީހާވެސް އަވަހަކަށް ހަމަޖެއްސުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެޗް.އާރު.ސީއެމުން ގޮވާލައްވާފައިވެއެވެ.  ތިނަދޫ އިންޖީނުގޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ޙާދިސާފަދަ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް މެދުކެނޑި ރައްޔިތުންނަށް ނަފްސާނީ ބިރުވެރިކަން ތަޙައްމަލް ކުރަން ޖެހި ރައްޔިތުންނާއި ދައުލަތަށް މާލީ ގޮތުން ފޫނުބެއްދޭވަރުގެ ގެއްލުން ލިބެނިވި ޙާދިސާތައް ރާއްޖޭގެ އެއްވެސް ރަށެއްގައި ހިނގުމަކީ މި ކޮމިޝަނުން ގަބޫލުކުރެއްވޭނެ ކަމެއް ނޫންކަމަށާއި، އެ ނުރައްކާތެރި ޙާދިސާއަކީ މީހަކު ނުވަތަ ބަޔަކު މީހުން ގަސްތުގައި ހިންގި އަމަލެއްތޯ ބަލައި، އެފަދަ ގޮތަކަށް ކަން ހިނގާފައިވާނަމަ، އެ ޖަރީމާ ހިންގި ބަޔަކާ މެދު ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ފުރިހަމަ މާނައިގައި ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް މިބަޔާނުގައި ވަނީ ގޮވަލައްވާފައެވެ. ކުރިމަގުގައި މިފަދަ ހާދިސާތައް އިތުރަށް މެދުވެރިވިޔަ ނުދިނުމަށްޓަކައި ކަރަންޓާއި ފެން އަދި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާއި އިދާރާތަކުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް މިފަދަ ތަންނަނުގެ ސެކިއުރިޓީ ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް ބެލެހެއްޓެވުމަށްވެސް މި ކޮމިޝަނުން ވަނީ ބާރުއަޅުއްވާފައެވެ.