ޚަބަރު

ބްރިޖުގެ ޕްލެޓްފޯމެއް ފަރަށް އަރާ، 3 މީހަކަށް ގެއްލުން ވެއްޖެ


ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާ، 3 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަން ވިލިމާލޭ ފުލުހަށް ފާހަގަވެގެން، އެކަން ބަލަން ފަށާފައިވަނީ މިއަދު މެންދުރު ފަހު 14:25 ހާއިރުކަމަށެވެ.

މި ޙާދިސާގައި 3 މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މި ޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ބްރިޖުގެ ޢަމަލީ މަސައްކަތުގެ ތެރެއިން މިހާތަނަށް މަސައްކަތް ފަށާފައިވަނީ، މާލެއާއި ވިލިމާލެއާއި ދެމެދުގައި އަޅާ ބްރިޖްގެ މަސައްކަތެކެވެ. މި މަސައްކަތުގެ ބޭނުމަށް މާލޭގެ އިތުރުން ވިލިމާލެ ފުޓަރު ފަރާތުގައިވެސް ޕްލެޓްފޯމެއް ވަނީ ބަހައްޓާފައެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ވިލިމާލޭގައި ބަހައްޓާފައިވާ ޕްލެޓްފޯމް، ވިލިމާލެ ފުއްޓަރުފަރާތު ފަރަށް އަރާފައިވާ މަންޒަރެވެ.

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މަނާވެސްކޮށްފައެވެ.