ވިޔަފާރި

ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމާއި ގުޅޭގޮތުން ގަތަރާއި ރާއްޖެއިން މަޝްވަރާކޮށްފި


ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި، ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުންތަކަކީ އުރީދޫއިން އިސްނަގައިގެން ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކަށް ދައުވަތު ދީގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މިބައްދަލުވުން ކުރިއަށްދިޔައީ ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މި ބައްދަލުވުންތަކުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ، ދުންޔާ މައުމޫނުގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޤަޠަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ބުތައިނާ ބިންތު ޢަލީ އަލްނުއައިމީ އާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝައިޚް ޑޮކްޓަރ ފަލިޙް ބިން ނާސިރު ބިން އަޙްމަދު ބިން ޢަލީ އާލް ޘާނީއާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝައިޚް މުހައްމަދު ބިން ޢަލީ އާލް މަނާއީއާއި، މިނިސްޓަރ އޮފް ކަލްޗަރ އާޓްސް އެންޑް ހެރިޓޭޖް، ޝައިޚް ޢަބްދުއްރަޙްމާން ބިން ހަމަދު އަލް ޘާނީ ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި އުރީދޫގެ އިސް މެނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޤަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޤަތަރު ފައުންޑޭޝަންއާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ޤަތަރުގެ ޤައުމީ ދާރުލްއާޘާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާރޓް ގެލަރީއާއި، ވަރކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕަރފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ޘަޤާފީ ދާރުލްއާސާރުތަކަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ބައްދަލުވުންތަކާއެކު އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުންކަމަށް އެ ކުންފުނިން ބުނެއެވެ.