ޚަބަރު

މިވަގުތުވެސް 34 ބަނދަރެއްގެ މަސައްކަތް ކުރިއަށް، އެމްޓީސީސީގެ އަމާޒު ޔަޤީން!


ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތަކަކީ މީގެ އަހަރުތަކެއް ކުރިން ބޭރުގެ ކުންފުނިތަކަށް ދީގެން ކުރަމުން އައި މަސައްކަތްތަކެކެވެ. އެއީ އެވަރުގެ މަސައްކަތްތަކެއް ކުރެވޭ ދިވެހި ކުންފުނިތައް މަދުކަމާއި، ދިވެހި ކުންފުނިތަކުގެ ޤާބިލްކަން ކުޑަކަމުންނެވެ. އެހެންނަމަވެސް މިއަދު މަންޒަރު ބަދަލު ވެއްޖެއެވެ. ކުރިން ބޭރުގެ ކުންފުނިތަކަށްދީގެން ކުރަމުންއައި އެތައް މަސައްކަތްތަކެއް ސައްތައިންސަތަ ދިވެހި ކުންފުންޏަކުން މިހާރު އަންނަނީ ކުރަމުންނެވެ. ދަންނަވަން މިއުޅެނީ އެމްޓީސީސީގެ ވާހަކައެވެ.

އެމްޓީސީސީން މީގެކުރިންވެސް ރާއްޖޭގައި ތަރައްޤީގެ ބައެއް މަޝްރުޢުތައް ހިންގާފައިވެއެވެ. އެހެންނަމަވެސް ކުރިން ދުވަހަކުވެސް މަޝްރޫއުތައް ނުހިންގާ ވަރަށް މިހާރު އެކުންފުނިން އަންނަނީ އެކި މަޝްރުޢުތަކުގެ މަސައްކަތްތައް ކުރަމުންނެވެ. އެސަބަބާހުރެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެކުންފުނި ވަނީ ހޯދާފައެވެ. ބަނދަރުތައް ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމާއި ޢިމާރާތްކުރުމާއި ފެރީއާއި ބަހުގެ ޚިދުމަތާއި އެއަރޕޯޓް ހެދުންފަދަ ބޮޑެތި ބިޔަ މަޝްރޫއުތައް އެކުންފުނިން ކުރަމުންއަންނީ ބާރު ދުވެލީގައެވެ.

އެމްޓިސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާނަމަ މީގެ ކުރީގެ އަހަރުތަކުގައި އަހަރެއްގެ މައްޗަށް ހިންގާފައިވަނީ 5 މަސްރޫއެކެވެ. އެހެންނަމަވެސް މިވީ 3 އަހަރުގެތެރޭގައި ބިޔަ ބޮޑެތި އެތައް މަޝްރޫތަކެއް ކާމިޔާބުކަމާއެކީ ހިންގާ ނިންމާފައި އެބަހުއްޓެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާ ބަނދަރުތަކަށް ބަލާލިޔަސް އެކަން ހާމަވެއެވެ. އަދި މިހާރު އެއީ އެއްފަހަރާ 40 ވުރެ ގިނަ މަސްރޫއު ހިންގޭވަރުގެ ކުންފުންޏެކެވެ. އެއީ މެޝިނަރީއާއި މުވައްޒަފުންގެ ގޮތުން ބެލިނަމަވެސް މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިނާއީ މަސައްކަތް ކުރާ ކުންފުންޏެވެ.

އެމްޓީސީސީއިން ހިންގާ ބަނދަރުގެ މަސްރޫއުތަކަށް ބަލާއިރު 34 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުނެވެ. އަދި 7 ރަށެއްގައި ބަނދަރުހެދުމަށް ސާވޭގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި ފާއިތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުތެރޭގައި 39 ރަށެއްގެ ބަނަދަރުގެ މަސައްކަތް ޒަމާނީފެންވަރަށް ވަނީ ހަދާ ނިންމާފައެވެ. އެމްޓީސީސީއިން ތަރައްޤީގެ މަސްރޫއުތައް ކުރިއަށްގެންދާއިރު، ޚާއްސަ އިސްކަމެއްދޭ ކަމެއް އޮވެއެވެ. މަސައްކަތް ހިންގާ ރަށްރަށުގައި ރައްޔިތުންނާ ކައުންސިލާ ގުޅިގެން މަސައްކަތް ކުރުމެވެ. އެހެން ކަމުން ބަނދަރުތައް ތަަރައްޤީ ކުރުމުގައި ކަންއުންސިލާއި ރައްޔިތުންގެ ބައިވެރިވުންވެސް އިތުރުވެގެން ދިޔައެވެ.

މިހާރު ހަދަމުންދާ ބަނަދަރުތަކުގެ ތެރެއިން 10 ބަނދަރެއްގެ މަސައްކަތުގެ %80 ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި އަމާޒަކީ މިހާރު ތަަރައްޤީ ކުރަމުންދާ ބަނދަރުތަކުގެ ތެރެއިން ގިނަ ބަނދަރުތަކެއް މިއަހަރު ނިންމާލުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ކޯވިޑްގެ ބަލި މަޑުކަމާގުޅިގެން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ނުލިބޭތީ މަސައްކަތް ލަސްވެގެންދިޔައެވެ. އެހެން ނަމަވެސް މިހާރު އެހުރިހާކަމެއް ހައްލުވެފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

ކޮންމެއަކަސް ރާއްޖޭގައި ބަނދަރުނެތް ރަށްރަށާއި ހަލާކުވެފައި އޮތް ބަނދަރުތަކާ ބަނދަރު ބޮޑު ކުރަން ޖެހިފައި އޮތް އެތައް ރަށެއްގައި މިވަނީ ކާމިޔާބު މަސައްކަތްތަކެއްކޮށް ކުންފުނީގެ މާލީހާލަތު އެތައްގުނައަކަށް އުފުލާލާފައެވެ.

މީހަމައެކަނި އެކުންފުނިން ހިންގާ ބަނދަރުގެ މަސައްކަތްތެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސްހިސާބުތަކަށް ބަލާނަމަ 115 މަސްރޫއެއް އެކުންފުނިން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އައީ ހިންގަމުންނެވެ.

މިހާރު ކުރަމުންދާ ބަނަދަރު ހެދުމުގެ މަސައްކަތްތަކަށް އެކަނިވެސް 3،194،765.521.07 ރުފިޔާ އެކުންފުންޏަށް ލިބޭނެއެވެ.