ޚަބަރު

ފަގީރުންނަށް ވިޔަފާރީގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ


ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެއެވެ.

ފަޤީރުންނަށް ޚާއްސަކޮށްގެން "ޒަކާތު ނަފާ"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި އިކޮނަމިކް މިނިސްޓްރީއާދެމެދު އެއްބަސްވުމުއްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

"ޒަކާތު ނަފާ"ގެ ނަމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން އަދި ކަނޑައެޅޭ ވަކި ޢަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކޮށް، ޒަކާތުގެ ފައިދާ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، އެ ފަރާތްތަކަށް ޢާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމަށާއި އަދި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ "ޒާކާތު ނަފާ" ޕްރޮގްރާމް ފެށުމަޓަކައި ކުރިން އެކުލަވާލި އުޞޫލް އިސްލާހްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް އެ ޕްރޮގްރާމަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

5 އަހަރު ދުވަހުގެ މުއްދަތަަށް ހިންގާ މި ޕްރޮގްރާމު އަމާޒުކުރެވެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިޤްތިޞާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށާއި ޒަކާތު ފަންޑުގެ އެހީތެރިކަމުގައި މި ފުރުޞަތު ފޯރުކޮށްދެވޭ ފަޤީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒަކާތު ފަންޑުން އެހީދިނުމުގައި އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ ގައުމީ ތަރައްޤީއަށާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށްކަމަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި 2021-2022ގައި ހިންގާނެ ޕްރޮގްރާމްތަކުގައި ގެދޮރުން އާމްދަނީ, ޕޯލްޓްރީ ފަރމިންގް, ހައިޑްރޯފޯނިކްސް ދަނޑުވެރިކަން, ފަރުމަސްވެރިކަން ކުރުން ހިމެނެއެވެ. އަދި ފެހުން, ތަމްރީން/ "އޮން ދަ ޖޮބް" ޓްރައިނިންގ / އެޕްރެންޓިސްޝިޕް ފުރުސަތުތަށް ހޯދައިދިނުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓރްީކޮށްފައިވާ މީހުންގެ އަދަދު މިދިޔަ އަހަރަށްވުރެ ވަނީ އިތުރުވެފައެވެ. މިއަހަރުގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. އަދި ރާއްޖޭގައި ފަޤީރުންގެގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނެތް 42 ރަށެއް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.