ވިޔަފާރި

އިތުރު 60 ވިޔަފާރިއަކަށް އެސްޓީއޯއިން ފުރުސަތު ދެނީ


އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާރޓް އިތުރަށް ބޮޑުކުރާއިރު ފުރަތަމަ ފަންގިފިލާއިން ކުދި ވިޔަފާރިކުރާ އިތުރު 60 ފަރާތަކަށް ފުރުސަތު ދޭނެކަމަށް އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ބޮޑެތި ބަދަލުތަކަކާއިއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ބޮޑުކޮށް މިދިޔަ މާރޗް މަހުގެ 15ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. ބޮޑުކުރުމަށްފަހު އަލުން ޕީޕަލްސް ޗޮއިސް ހުޅުވާފައިވާއިރު އެ ތަނުގައި މިހާރު އާންމު ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ. މީގެތެރޭގައި ބޭކަރީތަކާއި، ބުކްޝޮޕްތައް އަދި ރީތިވުމަށް ބޭނުންވާ ސާމާނާއި، ކުޑަކުދިން ކުޅޭ ސާމާނުވެސް އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގައި މިހާރު ހުރެއެވެ.

ކުދި ވިޔަފާރިތަކުގެ ޑިމާންޑް ބޮޑުވުމާއިއެކު އެސްޓީއޯއިން މިހާރުވަނީ ސްޕަމާރޓްގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފަށާފައެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، ފުރަތަމަ މި މޮޑެލް ފަށައިގެން އައިއިރު ވިޔަފާރިތަކުން އެންމެ އެދެވޭ ތަރުހީބެއް ނުލިބުނު ކަމަށެވެ. ނަމަވެސް މިހާރު މި މޮޑެލްއަށް ތަރުހީބު ބޮޑުކަން އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ، ފުރަތަމަ ފަންގިފިލީ ހުޅުވިގެން އަންނައިރު އެތަނުގައި ތަފާތު އެކި ބާވަތްތަކުގެ މުދާ ލިބެންހުންނާނެކަމަށެވެ. ފުރަތަމަ ފަންގިފިލާއިން 60 ވިޔަފާރިއަކަށް ފުރުސަތު ދޭނެކަމަށް އަމްރު ވިދާޅުވިއެވެ.

" ވަރަށް ޑިމާންޑްވެސް ބޮޑު އެ މޮޑެލްއަށް މިހާރު. ވަރަށް ގިނަ މީހުން އާދޭ ހަރުވެސް ހޯދަން. އެހެންވީމަ އަޅުގަނޑުމެން ޓްރޭޑް ސެންޓަރުގެ ފަސްޓް ފުލޯ އެއްކޮށް މި ބަދަލުކޮށްލަނީ އެ ކޮންސެޕްޓަށް. ބަދަލުކޮށްލާއިރު އޭގެތެރެއަށް އަންނާނެ ގާމެންޓާއި، ފައިވާނާއި، ބޫޓާއި، އައިނާއި ލަގެޖާއި، ޖުވެލަރީއާއި. މިހާރުވެސް އަޅުގަނޑުމެންނަށް އައިއްސަ އެބަހުރި މިކަހަލަ ބައިވަރު އެއްޗެހި ވިއްކަން ޝައުގުވެރިކަން ފާޅުކޮށްފައި. އެތަނުގައި އަޅުގަނޑުމެން 60 ޔުނިޓް އެކި ފަރާތްތަކަށް ދޫކޮށްލާނަން. އެއީ 60 ކުދި ވިޔަފާރި ހަމަ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ސްޕަމާކެޓުގައި އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމުން ވިޔަފާރިކުރަން އަންނަ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަމަށެވެ. ކުރީގެ ސުޕަމާކެޓް ހުރިއިރު ތަކެތި ގަންނަން އަންނަ ކަސްޓަމަރުންނާއި އަޅާބަލާއިރު މިގެނައި ބަދަލާއިއެކު ކަސްޓަމަރުން 3 ގުނަ އިތުރުވެއްޖެކަން އަމްރު ފާހަގަކުރެއްވިއެވެ.

ސްޕަމާރޓް ފުރަތަމަ ފަންގިފިލާގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުރެހުންތަކާއި ޑިޒައިނިންގެ މަސައްކަތެވެ. އަމްރު ވިދާޅުވީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖުލައިމަހު ފުރަތަމަ ފަންގިފިލާ ހުޅުވޭނެކަމަށެވެ.