ޚަބަރު

މީހުންގެ ފަރުދީ ސިފަތަކާ ބެހުމުގެ އާދަ ހުއްޓާލަންޖެހޭ!


ދޭދޭ ގުޅުން ރަނގަޅުކުރުމާއި މުޖުތަމަޢުގެ ގުޅުމާއި ގާތްކަމާއި ހިތްހެޔޮކަން އިތުރުކުރުމަކީ ދިވެހިރާއްޖެއަށް މި ވަގުތު މުހިންމުވެފައިވާ ކަމެކެވެ. މިކަމުގައި ފަރުވާތެރިވާންޖެހިފައިވާ އެއްކަމަކީ ތިމާއާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ބައްދަލުވާ ތިމާގެ މީހުންނާއި އަވައްޓެރިންނާއި ރަޙުމަތްތެރިންނާއި، ފުރަތަމަ ބައްދަލުވާ ހިނދު ޢަމަލުކުރަންވީ ގޮތާއިމެދުއެވެ. އުފާވެރި ބައްދަލުވުމަކަށް ހެދުމަށް އިސްކަންދީ، ނުތަނަވަސް ކުރުވަފާނެ ނުވަތަ ހިތުގައި ޖެހޭފަދަ ކަންކަމުން ދުރުހެލިވުމަށެވެ. މުޖުތަމަޢުގެ އުފާވެރިކަމާއި ރައްވެހިކަމާއި އަޅާލުމުގެ ސިފަތަކަކީ އިޖްތިމާޢީ އަގުތައް ނުވަތަ ވެލުއުސްތަކުގެ މުހިންމު ބައެކެވެ. މިފަދަ ސިފަތައް އަށަގެންނެވުމާއި ދެމެހެއްޓުމަކީ މީހުންގައިގައި ހުންނަ އަދި ދަމަހައްޓާ ގޮތްތާއި އާދަކާދަތަކާއި ޘަޤާފީ ހެޔޮސިފަތަކާއި ގުޅިފައިވާ ކަމެކެވެ. މީގެ ތެރެއިން އެއްކަމަކީ، ގުޅުން ދެމެހެއްޓުމަށްޓަކައި ގުޅިފައިވާ މީހާއަށް އިޙްތިރާމް ކުރުމެވެ. ރަޙުމަތްތެރިއަކު ނުވަތަ ގާތްތިމާގެ މީހަކު ނުވަތަ އަވައްޓެރިއަކު ދުވަސްކޮޅަކު ނުފެނި ހުރެފައި ފެންނަ ވަގުތު އޭނާ ސިފައަށް ފާޑުކިއުމަކީ މިހާރު ދިވެހި މުޖްތަމަޢުގައި ޢާންމުވެފައިވާ ކަމެކެވެ. މިއީ އެއް ސަބަބަށްވުރެ ގިނަ ސަބަބާހުރެ ހުއްޓާލަންޖެހޭ ކަމެކެވެ. މަޚުލޫގުންގެ ތެރެއިން އިންސާނުންނަށް ވަނީ ވަރަށް މަތީ ދަރަޖައެއް ދެއްވާފައެވެ. އެހެން މަޚުލޫގުންނަށް ލިބިފައިނުވާ އަމިއްލައަށް ވިސްނައި ފިކުރުކުރުމުގެ ކުޅަދާނަކަން ވަނީ އިންސާނުންނަށް ޚާއްޞަކުރެވިފައެވެ. ކައުނުގައި ލައްވާފައިވާ އެތައް މިލިއަން މަޚުލޫޤުންގެ ތެރެއިން އިންސާނުން މާތް ކުރައްވާފައިވާއިރު، އިންސާނުންގެ އަޚުލާގާއި ސިފަތަކުން މިކަން ފެންނަންޖެހެއެވެ. ވާހަކަ ދައްކާ އުޅުމުގައާއި، ތިމާގެ ޢަމަލުތައް ބައްޓަންކުރަންޖެހޭނީ އިންސާނީ ހެޔޮސިފަތަކަށް އަހުލުވެރި މުޖުތަމަޢަކަށް ބަލައިގަނެވޭނެ ފަދަ ފެންވަރެއްގައެވެ. މުޖްތަމަޢުން ގިނައިން ފެންނަ އެއް މަންޒަރަކީ، ރަޙުމަތްތެރިއަކާއި، ނޫނީ ގާތްތިމާގެ މީހަކާއި ބައްދަލުވާ ވަގުތު އެންމެ ފުރަތަމަވެސް ސިފައަށް ފާޑުކިޔަން ފެށުމެވެ. މިއީ ކޮންމެ ދުވަހަކުމެ އެތައް ބަޔަކަށް ދިމާވާ ކަމެކެވެ. ނޭނގި ނުވަތަ އެނގިގެން ނަމަވެސް މިފަދަ ގޮތަކަށް ވާހަކަ ނުދައްކާ މީހަކު މިހާރު މަދުވާނެއޭވެސް ދެންނެވިދާނެއެވެ. މީހަކާ ދިމާވުމުން ހާލު އަހާލުމެއް ނެތި އެންމެ ފުރަތަމަވެސް މި އަހާލެވެނީ " ހާދަ ފަލަ ވެއްޖެއޭ " ނުވަތަ ހާދަ ހިކެއޭ އެބަ " މިހެނެވެ.މާތްވެގެންވާ އިސްލާމްދީނުގައިވެސް ވަނީ މީހުންގެ ސިފައަށް ފާޑުކިޔުން ނަހީ ކުރައްވާފައެވެ. ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ އަބްދުﷲ ޖަމީލް ވިދާޅުވީ ދީނީ ގޮތުން ބަލާއިރުވެސް މިކަމަކީ ކުރުން ހެޔޮނުވާވަރުގެ ކަމެއް ކަމަށެވެ. މިފަދަ ގޮތަކަށް ބުނުމުން އެއްބަޔަކު ހިތްހަމަނުޖެހިގެން އެވާހަކަ ދިމާލަށް ބުނާއިރު، އަނެއް ބަޔަކު ގަދަކަމުން ހިނިތުންވެލަނީ އެބުނި ބަހުގެ ސަބަބުން ހިތަށްކުރި އަސަރު އަނެކާއަށް ފާޅުނުވާނޭ ގޮތަކަށެވެ.މިފަދަ އާދައިގެ ކަންކަމަކީ އަނެކާގެ ހިތުގައި އެތައް ޒަމާނެއް ވަންދެން ހިތްދަތިކަމުގެ ލަކުނު ލާފަދަ ކަންކަމެވެ. ތިމާއަށް ނޭނގޭ އެތައް ކަމެއް ތަޙައްމަލް ކުރަމުންދާ މީހަކަށް އަނެކާ ވެދާނެކަން ވިސްނައި އަބަދުވެސް ހިތްހެޔޮ، އުފާވެރި ބަސްމަގެއް ގެންގުޅެން އާދަކުރަންޖެހެއެވެ. މީހަކާ ދިމާވާއިރު ސިފައަށް ފާޑު ކިއުމުގެ ބަދަލުގައި ހިނިތުންވެލައި، ސަލާމްކޮށްލައި، ހާލު ބަލާލުމުން އެ ޢަމަލު ކުރެވެނީ ދުނިޔެވީގޮތުންނާއި ދީނީގޮތުންވެސް މިކަމުގައި އެންމެ ފައިދާ ހުރި ގޮތަށެވެ. އިޖްތިމާޢީ ގޮތުން ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރެވޭނީ އޭރުންނެވެ.