ޚަބަރު

ބައި-އިލެކްޝަން ކާމިޔާބުވުމަކީ އެމްޑީޕީއަށް ލިބުނު މުހިއްމު ކާމިޔާބީއެއް: ރައީސް


އިއްޔެ ބޭއްވި ދެ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބުވުމަކީ، އެ ޕާޓީއަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފަކުރައްވައިފިއެވެ.

އިއްޔެ ބާއްވާފައިވަނީ މ.ދިއްގަރާއި، ތ.ގާދިއްފުށީ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމުގެ ބައި-އިލެކްޝަނެވެ. މި ދެ އިންތިޚާބުވެސް ކާމިޔާބުކުރީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނެވެ.

މި ކާމިޔާބީއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، އެއީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ކެމްޕެއިނަށް އެހީތެރިވި މެންބަރުންނަށާއި ކެމްޕޭން ޓީމަށްވެސް ރައީސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ތ. ގާދިއްފުށީ ބައި އިލެކްޝަންގައި، ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ޒުލައިޚާ އަހުމަދެވެ. އޭނާއަށް 210 ވޯޓު ލިބުނުއިރު އޭނާއި އެންމެ ގާތުން ވާދަކުރި ޕީޕީއެމްގެ ހައްވާ އަބުދުލް ހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ. މި ކައުންސިލްގެ ގޮނޑިއަށް އެމްއާރުގެ ކެނޑިޑޭޓަކުވެސް ވާދަ ކޮށްފައިވެއެވެ. އެމްއާރުއެމްގެ ކެނޑިޑޭޓަށް ލިބިފައިވަނީ 4 ވޯޓެވެ.

މީގެއިތުރުން މ.ދިއްގަރު ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް އަބުދުﷲ އާރިފް ކާމިޔާބު ކޮށްފައިވަނީ 375 ވޯޓުންނެވެ. އޭނާއި ވާދަކުރި ޕީޕިއެމްގެ އަބުދުލް ހަންނާން އަހުމަދަށް ލިބުނީ 320 ވޯޓެވެ. މި ގޮޑިއަށް ވާދަ ކޮށްފައިވަނީ އެމްޑީޕީއާއި ޕީޕީއެމްއިން އެކަންޏެވެ.