ޚަބަރު

ލޭޑީ ގާގާ "ޖޯކާ 2" ކުޅެދެނީ 10 މިލިއަން ޑޮލަރަށް


އިއުލާނުކުރީއްސުރެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ ޑީސީގެ މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާ އަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައި "ޖޯކާ 2" ގެ ރޯލެއް މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއަށް ދިންކަމަށް މީގެކުރިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ފިލްމުގައި ޓައިޓްލް ރޯލު ނުވަތަ ޖޯކާގެ ރޯލުން ވާކީން ފީނިކްސް ފެންނާނެކަމަށްވެސް މީގެކުރިން ވަނީ މީޑިއާތަކުން ބުނެފައެވެ. މިހާރު މަސައްކަތްވެސް ފަށާފައިވާ "ޖޯކާ 2" އިން ގާގާއަށް ދިނީ ހާލީ ކުއިންގެ ރޯލުވެ. ހާލީ ކުއިން އަކީ ޖޯކާގެ ލޯބިވެރިޔާއެވެ.

މިއާއެކު މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އަކީ ގާގާގެ މުސާރައިގެ ވާހަކައެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ގާގާ ކުޅެދެނީ 10 މިލިއަން އެމެރިކާ ޑޮލަރަށެވެ. ގާގާގެ އިތުރުން ވާކީން އަށާއި ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އަށްވެސް 20 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެއް ލިބޭނެއެވެ.

2019 ވަނަ އަހަރު ރިލީޒްކުރި އޮރިޖިނަލް ފިލްމު "ޖޯކާ" ކުޅެގެން ވާކީން އަށް ލިބުނީ 4.5 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެކެވެ. "ޖޯކާ" އަކީ ބޮކްސް އޮފީހުގައި 107 ބިލިއަން އެމެރިކާ ޑޮލަރު ހޯދި ކާމިޔާބު ފިލްމެކެވެ.

"ފޮލީ އަ ޑޫ"ގެ ނަން ދީފައިވާ ޖޯކާގެ ސީކުއެލްއާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އަންނަނީ ޓޮޑް އާންމުކުރަމުންނެވެ. އަދި ކުރިއަށް އޮތް ފިލްމަކީ މިއުޒިކަލް ފިލްމަކަށްވުން އެކަށީގެންވާ ކަމަށް ޓޮޑް ވަނީ އިޝާރާތްކޮށްފައިވެ އެވެ.

2020 ވަނަ އަހަރުގެ އޮސްކާގެ 2 އެވޯޑު "ޖޯކާ" ވަނީ އުފުލާލާފައެވެ. މި ފިލްމުން ވާކީންއަށް ވަނީ އެ އަހަރު އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.

"ޖޯކާ" ހީވެސް ނުކުރާ ވަރުގެ ބޮޑު ހިޓަކަށްވެގެން ދިޔައިރު ޓޮޑް އަކީ މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ދަ ހޭންގްއޯވާ" ޓްރިލޮޖީ އާއި "ވޯ ޑޯގްސް" އަދި "އޯލްޑް ސްކޫލް" ހިމެނެއެވެ.