ކުޅިވަރު

ޕެނަލްޓީގައި ޓީސީ ބަލިކޮށް ގްރީން ސްޓްރީޓްސް ސެމީއަށް


އެފްއޭ ކަޕް 2022 ގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީ ފައިނަލަށް ކުލަބު ގްރީން ސްޓްރީޓްސް ދަތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ކުއާޓާގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވަނީ ހިލޭ ޖެހުމަކުން ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ރިލޭ ފޮނުވާލި ހިލޭ ޖެހުމުގެ ހުރަހަކަށްވީ ޓީސީގެ ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓީސީންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިސްރުގެ ފޯވާޑް އޮމަރު ހުސެން ސަލާހް ސައީދެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީނުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝުކްރާލީއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ގްރީނުން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީގައި ޓީސީގެ ކެޕްޓަން މުޙައްމަދު ސާދު ނިޒާރާއި އެ ޓީމުގެ ޑިފެންޑަރު މުޙައްމަދު އަޖުފާން ފޮނުވާލި ޕެނަލްޓީތައް ގްރީންގެ ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި ގްރީނުގެ އަންޞަރު އިބްރާހީމް ފޮނުވާލި ޕެނަލްޓީ ޓީސީގެ ކީޕަރު ސުޖަން ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ސެމީއަށް ގްރީން ދަތުރުކުރިއިރު، ސެމީގައި ގްރީން ބައްދަލުކުރަން ޖެހޭނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ސެމީން ޖާގަ ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެވެ.