ޚަބަރު

ރާއްޖޭގެ ޒުވާނުންގެ އާބާދީގައި ގިނައީ ބިދޭސީން


ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީ ދިވެހިންނަށްވުރެ ބިދޭސީންގެ އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ޒުވާނުންގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީއަކީ 579330 މީހުންނެވެ. މީގެތެރޭގައި ޒުވާނުންގެ އާބާދީއަކީ 45 އިންސައްތައެވެ. ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސަބުތައް ދައްކާގޮތުން ޒުވާނުންގެ އާބާދީގެ 53 އިންސައްތަ އާބާދީއަކީ ބިދޭސީންގެ އާބާދީއެވެ. ދިވެހި ޒުވާނުންގެ އާބާދީއަކީ 47 އިންސައްތައެވެ. 2022 ވަނަ އަހަރަށް އާބާދީއާއި ގުޅޭގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އަންދާޒާކުރާގޮތުގައި ޒުވާނުންގެ އާބާދީއަކީ 258923 މީހުންނެވެ. އެއީ ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އަދި 15 އަހަރާއި 24 އަހަރާއި ދެމެދުގެ 97039 މީހުން ތިބިކަމަށް އެބިއުރޯގެ އަންދާޒާތަކުން ދައްކައެވެ.


ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހެވެ. ޒުވާނުންނަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާއި ގޮންޖެހުންތަކާއި ކުރިމަތިލުމަށް ދެމެހެއްޓެނިވި ގޮތެއްގައި ޒުވާނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ.

މިދުވަސް ފާހަގަކުރުމަށް އދ.އިން މިއަހަރަށް ކަނޑައަޅާފައިވަނީ އެކި ޖީލުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ. ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލުވުމަށް އެކި ޖީލުތަކުގެ މެދުގައި އޮތް ދުރުހެލިކަން ކުޑަކޮށް ގުޅުންތައް ބަދަހިކުރުމަށް އެޖަމިއްޔާއިންވަނީ މިއަހަރު މަސައްކަތް ފެށުމަށް ނިންމާފައެވެ. ރާއްޖޭގައި ޒުވާނުންގެ ދުވަހާއި ގުޅިގެން އެކި އިދާރާތަކުން އަންނަނީ ތަފާތު އެކި ޙަރަކާތްތައް ހިންގަމުންނެވެ.