ޚަބަރު

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މައުރަޒު ނައިބު ރައީސް ހުޅުއްވައިދެއްވައިފި


ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މައުރަޒު ހުޅުވައިދެއްވުމަށްފަހު ނާއިބު ރައީސް ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރާތްކުރައްވާ ފައެވެ. މި މައުރަޒު ބާއްވާފައިވަނީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައެވެ.

މައުރަޒުގެ ކޮންމެ ސްޓޯލަކުންވެސް ސަގާފީ އާދަކާދަތައް ދައްކުވާދޭ ތަފާތު ހަރަކާތްތައްވަނީ ކުރިއަށްގެންގޮސްފައެވެ. "ސަޤާފީ މަސައްކަތް ދިރުވުން" މި ނަމުގައި ކުރިއަށްގެންދިޔަ މައުރަޒުގައި ރޯނު ވެށުމާއި، ފަންގިވިނުމާއި، ކަނބުރުވެރިކަމާއި، އަތްތެރިކަންފަދަ ދިވެހިންގެ ސަޤާފަތާއި މަސައްކަތްތެރިކަމުގެ ހުނަރުތައް ދައްކުވައިދޭ ތަފާތު ސްޓޯލްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މައުރަޒުގެ މަޤުޞަދަކީ، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކޮށް، އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަގުހުރި ހުނަރާއި ޢިލްމު ލިބިގަތުމުގެ ފުރުޞަތު، ޒުވާނުނަށް ހޯދައި ދިނުމެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 12 ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރެއްގެގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "އިންޓަރޖެނެރޭޝަނަލް ސޮލިޑޭރިޓީ" ނުވަތަ "ޖީލުތަކުގެ މެދުގައި އެއްބައިވަންތަކަން" މި ޝިއާރެވެ.

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ މިމައުރަޒު ހުޅުއްވައިދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި އެހޮސްޕިޓަލްގެ ޚިދުމަތްތައް ހުރި ގޮތް ބައްލަވާލައްވައި ބަލި މީހުންނާއި ބައްދަލުކޮށްލެއްވިއެވެ. އަދި ހޮސްޕިޓަލްގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވިއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތީ ވަރަށް ރަނގަޅު ޓީމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުގެ އެންމެ މުހިއްމު ހޮސްޕިޓަލަށް ވާއިރު، ރަށުން ބޭރުން ހޮސްޕިޓަލަށް ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަަށް ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މިބައްދަލު ކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާޢޫދު ވަނީ، ހޮސްޕިޓަލްގެ ކާމިޔާބީތަކާއި އަދި ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ.​