ޚަބަރު

ޖޯންސަން އެންޑް ޖޯންސަން ކުޑަކުދިންގެ ފުށް ވިއްކުން ހުއްޓާލަނީ


ކުޑަކުދިންގެ ފުށް އުފައްދައި ވިއްކުން އަންނަ އަހަރުން ފެށިގެން ހުއްޓާލަން އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުނި ޖޯންސަން އެންޑް ޖޯންސަން، ޖޭ އެންޑް ޖޭ އިން ނިންމައިފިއެވެ.

މިކަން އިއުލާންކޮށްފައި މިވަނީ ޖޭ އެންޑް ޖޭ އިން އެމީހުންގެ އުފެއްދުންތައް އެމެރިކާގައި ވިއްކުން ނިންމާލިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީފަހުންނެވެ. ޖޭ އެންޑް ޖޭ އިން އުފައްދާ ފުށުގައި އެސްބެސްޓޯސް ކިޔާ މާއްދާއެއް ހުރުމުން ރަހިމުގެ ކެންސަރު ޖެހޭކަމަށް ގިނަ ފަރާތްތަކަކުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް ކުންފުނިން އަބަދުވެސް ބުނަމުން އައީ އެމީހުންގެ އެ އުފެއްދުމަކީ 10 އަހަރު ދުވަހު ދިރާސާކޮށް ބަލާފައިވާ ބޭނުންކުރަން ރައްކާތެރި އެއްޗެއް ކަމަށެވެ. އަދި މި އުފެއްދުން މިހާރުވެސް ދުނިޔޭގެ ގައުމުތަކުގައި ވިއްކަމުން އަންނަ ކަމަށް ކުންފުނިން އިތުރަށް ބުންޏެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މެޑިކަލް ތަޖުރިބާކާރުންނާއި ސައިންޓިފިކް ތަހުލީލުތައްކޮށް މި ފުށަކީ ބޭނުންކުރަން އެންމެ ރަގަޅު އެއްޗެއްކަމަށް ކަށަވަރުކޮށްފައިވާކަމަށްވެސް ޖޭ އެން ޖޭ އިން ބުނެއެވެ.

ޖޭ އެންޑް ޖޭ އިން ވަނީ އެމެރިކާ އަދި ކެނެޑާއިގައި ކުޑަކުދިންގެ ފުށް ވިއްކުން 2020 ވަނަ އަހަރު ހުއްޓާލާފައެވެ. އެ އުފެއްދުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން "ގޯސް މައުލޫމާތު" ދިނުމާ ގުޅިގެން ޑިމާންޑް ދަށްވެފައިވާތީއެވެ.

އެސްބެސްޓޯސް ތަޣައްޔަރުވުމުގެ ސަބަބުން ކެންސަރު ޖެހުނު ކަމަށް ބުނާ ކޮންސިއުމަރުންނާއި އެކަމުން ސަލާމަތްވި މީހުން ވަނީ ޖޭ އެންޑް ޖޭ އާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ރޮއިޓަރސް ނިއުސް އެޖެންސީން 2018 ވަނަ އަހަރު ކުރި ތަހުގީގެއްގައި ބުނެފައި ވަނީ ޖޭ އެންޑް ޖޭ އަށް އެ ކުންފުނީގެ ޓާކް އުފެއްދުންތަކުގައި އެސްބެސްޓޯސް ހުންނަކަން ދިހަވަރަކަށް އަހަރު ވަންދެން އެނގޭ ކަމަށެވެ.

ރޮއިޓަރސް އިން ބުނީ ކުންފުނީގެ އެތެރޭގެ ރެކޯޑްތަކާއި ޝަރީއަތުގެ ހެކިބަހާއި އެހެނިހެން ހެކިތަކުން ދައްކާ ގޮތުގައި 1971 އިން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ޖޭ އެންޑް ޖޭގެ ރޯ އުފައްދާ ނިންމާފައިވާ ފުށުން ބައެއް ފަހަރު މަދު މިންވަރަކަށް އެސްބެސްޓޯސް ޕޮޒިޓިވް ވެފައިވާކަމަށެވެ. ނަމަވެސް ޖޭ އެންޑް ޖޭ އިން ތަކުރާރުކޮށް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ޖޯންސަންގެ ބެބީ ފުށް ވިއްކަމުން އަންނަތާ ގާތްގަނޑަކަށް 130 އަހަރު ވަނީ ވެފައެވެ.