ޚަބަރު

ފަވާދާއި މާހިރާގެ ފިލްމު އޮކްޓޫބަރަށް


1979 ވަނަ އަހަރު ރިލީޒްކުރި ޕާކިސްތާންގެ ކަލްޓް ކްލަސިކް "މޯލާ ޖަޓް" ގެ ރިމޭކް "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އަންނަ އޮކްޓޯބަރު މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

ޕާކިސްތާނުގެ ސިނަމާގެ ތަރީޚުގައިވެސް އެންމެ ބޮޑު ބަޖެޓަކުން އުފައްދާކަމަށް ބުނާ މިފިލްމުގައި ދައްކާނީ ގޭންގަކާއި ހީރޯއެއްގެ މެދުގައި ހިނގާ ކަންތައްތަކެކެވެ. މި ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފައިވާއިރު، އޭގެ ޓްރެއިލާވެސް ބެލުންތެރިންނަށް ދޫކޮށްލަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

"ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އަކީ ޕާކިސްތާންގެ މަޝްހޫރު ދެ ތެރިން ކަމަށްވާ ފަވާދު ޚާނާއި މާހިރާ ޚާން ލީޑް ރޯލުން ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމުގައި ފަވާދު ފެންނާނީ މައުލާގެ ރޯލުންނެވެ. އަދި މާހިރާ އަކީ މުއްކޯއެވެ. މަޝްހޫރު ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ" އިން މަގުބޫލުވެގެން ދިޔަ މި ޖޯޑަކީ ބޮލީވުޑްގެ ފިލްމުތަކަކުންވެސް ފެނުނު ދެ ތަރިންނެވެ.

މާހިރާ ކުޅުނު ހިންދީ ފިލްމަކީ ޝާހްރުކް ޚާންގެ "ރައީސް" އެވެ. ފަވާދު ކުޅުނު ހިންދީ ފިލްމުތަކަކީ "ހޫބްސޫރަތު" އާއި "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން "އޭ ދިލް ހެ މުޝްކިލް" އެވެ.

ޕާކިސްތާންގެ އެންމެ މަގުބޫލު ސްކްރީން ޖޯޑުގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ފަވާދާއި މާހިރާގެ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އަކީ ޕަންޖާބީ ބަހުން ހަދާފައިވާ އެކްޝަން ޑްރާމާއެކެވެ. މީގެ ޑައިރެކްޓްކުރީ ބިލާލު ލަޝާރީއެވެ. ފަވާދާއި މާހިރާގެ އިތުރުން މި ފިލްމުން ހަމްޒާ އަލީ އައްބާސީ އާއި ހުމައިމާ މަލިކް ވެސް ފެންނާނެއެވެ.