ކުޅިވަރު

13 އަހަރުވީ ލޯންގް ޖަމްޕުގެ ރިކޯޑު ނާހިލް މުގުރާލައިފި


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ލޯންގް ޖަމްޕުގެ ގައުމީ ރިކޯޑު އުއްމީދީ ތަރި އިބްރާހީމް ނާހިލް ނިޒާރު މުގުރާލައިފިއެވެ.

މީގެ ކުރިން މި ރިކޯޑު އޮތީ ކުރީގެ މަޝްހޫރު އެތުލީޓު ހުސެއިން ހަލީމުގެ އަތުގައެވެ. އޭނާ ރިކޯޑު ހެދީ މީގެ 13 އަހަރު ކުރިން އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 6.47 މީޓަރު ދުރަށް ފުންމައިގެންނެވެ. އެކަމަކު މި އަހަރު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުން ވިދާލި ނާހިލް ވަނީ ހުކުރު ދުވަހު ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ލޯންގް ޖަމްޕުގެ ފައިނަލުގައި 6.71 މީޓަރު ދުރަށް ފުންމައިގެން، އެ ރިކޯޑު މުގުރާލާފައެވެ.

މިދިޔަ މެއި މަހު ކުރިއަށްދިޔަ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުގައި ހިމެނުނު ނާހިލް، އެ މުބާރާތް ނިންމާލީ ޖުމްލަ ފަސް ރިކޯޑެއް މުގުރާލުމަށްފަހުގައެވެ.

އެގޮތުން އިންޓަ ސްކޫލް މުބާރާތުގެ 100 މީޓަރާއި 200 މީޓަރު ދުވުމުގެ ރިކޯޑު ހެދި ނާހިލް ވަނީ އެ މުބާރާތުގެ ލޯންގް ޖަމްޕާއި ޖޫނިއާ ގައުމީ ރިކޯޑުވެސް މުގުރާލާފައެވެ.