ޚަބަރު

ދިވެހިންގެ މެހްމާންދާރީ ފެނިގެންދިޔަ ކާމިޔާބު ދަތުރަށްފަހު ސަވާދިއްތަަ ދެވަނަ ދަތުރަށް


"ސަވާދިއްތަ ޔޮޓް ރެލީ"އިން ފެނިގެންދަނީ ދިވެހިންގެ ދިވެހިވަންތަ ކަމުގެ ތެރޭގައި ހިމެނޭ މެހްމާންދާރީއާއި ދިވެހި ކަނޑުތަކުގައި ވިހުރޭ ހުދު ރިޔަލުގެ ހަނދާންތައް ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަވާދިއްތަ ޔޮޓް ރެލީގެ ދެވަނަ ދަތުރު އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރެއިންވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާ މިދަނޑިވަޅުގައި ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޔޮޓް ރެލީކަމަށްވާ ސަވާދިއްތައިގެ ދެވަނަ ދަތުރު އިފްތިތާޙްކޮށްފައެވެ.

މިޙަރަކާތް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ސަވާދިއްތައިން ފެނިގެންދަނީ ދިވެހިންގެ މުއްސަނދި ތާރީޚުކަމަށެވެ. އަދި މީގެ ފުރަތަމަ ދަތުރާއެކު ދިވެހި މެހްމާންދާރީ ފަތުރުވެރިންނަށް ވަރަށްބޮޑަށް ފެނިގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއިން އެނގިގެންދަނީ ފަތުރުވެރިކަމުގެ ސީދާ ނަފާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


"ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުން. އެގޮތުން ރިސޯޓުތަކުގައި ކުރަމުންއައި ފަތުރުވެރިކަމުން މީހުން ދިރިއުޅޭ ރަށްރަށާއި ހަމައަށް މިވަނީ މިނަފާ ގެނައުމުގެ މަސައްކަތް ފަށާފައި." މިނިސްޓަރ ވިދާޅުވިއެވެ.

ސަވާދިއްތަ ރެލީގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިޙަރަކާތް އިންތިޒާމުކުރާ އެމްޓީޑީސީން ވިދާޅުވީ ޔޮޓް ރެލީ އޮންނާނީ އަންނަ އަހަރުގެ މާޗްމަހުގެ 1 އިން 18 އަށްކަމަށެވެ. މިފަހަރުގެ ދަތުރުގައި ޖުމްލަ 11 މަންޒިލަކަށް ދަތުރުވެރިން މަޑުކުރާނެކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ނ.ލަންދޫއާއި، ޅ.ހިންނަވަރާއި، ބ.ގޮއިދޫއާއި، އއ.ތޮއްޑޫއާއި، ރަސްދޫއާއި، އުކުޅަހާއި، ދަނގެއްޗާއި، ދިގުރަށާއި މާގިއްޔަށް ދަތުރުވެރިން މަޑުކުރާނެއެވެ. މީގެއިތުރުން ފަޅު 2 ރަށަކަށްވެސް ދަތުރުގެ ބައިވެރިން ދިޔުމަށްވަނ ހަމަޖެހިފައެވެ.

ސަވާދިއްތަ ޔޮޓް ރެލީގެ ފުރަތަމަ ބުރުބާއްވާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގައެވެ. ހއ.ހޯރަފުށިން މިދަތުރު ފެށީ 7 ޔޮޓުގައި 27 ފަތުރުވެރިންނެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބަތާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި މިދާއިރާގައި ޚިދުމަތްދެމުން އަންނަ މުއައްސަސާތަކާއި އެކި ޖަމިއްޔާ ޖަމާޢަތްތަކުން އަންނަނީ އެކި ޙަރަކާތްތައް ބާއްވަމުންނެވެ.