ޚަބަރު

އާރިޔަން އެކްޓުކުރަން ބޭނުމެއްނުވޭ، މިސްރާބު ހުރީ ލިޔުންތެރިއަކަށްވާން


ބޮލީވުޑް ސުޕަރ ސްޓަރ ޝާހުރުކްޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ތަޢާރަފްވާ ފިލްމު "އާޗީ" ގެ މަސައްކަތް ކުރިއަށްދާއިރު، ފިރިހެން ދަރިފުޅު އާރިޔަން ޚާން ބޮލީވުޑަށް ތަޢާރަފް ވަނީ ލިޔުންތެރިއެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބައްޕަ އާއި ދައްތަ ހެން އެކްޓުކުރަން ބޭނުންނުވާކަމަށް މީގެކުރިން އާރިޔަން ވަނީ ބުނެފައެވެ.

އާރިޔަންގެ ފުރަތަމަ މަސައްކަތަކީ ޓިންސެލް ޓައުން ކޮމެޑީއެކެވެ. ވެބް ސީރީޒްއެއްކަމަށްވާ މީގެ މަސައްކަތް އާރިޔަން މިހާރުވެސް ވަނީ ފަށާފައެވެ. މީގެ ޝޯވ ރަނާއަކީވެސް އާރިޔަންއެވެ. ނަމަވެސް މި ސީރިޒް ޑައިރެކްޓުކުރަނީ އާރިޔަން ކަމެއް އަދި ނޭގެއެވެ.

މި ޝޯވއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ހަޤީޤީ ދިރިއުޅުމުގެ ތަޖުރިބާތަކުން އިންސްޕަޔަރވެގެން އާރިޔަން ލިޔާ ސީރީޒެކެވެ. ކުރިއަށް އޮތް 2 މަހާއި 3 މަސް ދުވަހުގެ ތެރޭގައި އޭނާ ސްކްރިޕްޓް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރު ކުރީކޮޅު ޕްރޮޑަކްޝަން ފެށޭނެ ކަމަށް ބެލެވޭކަމަށާއި، ސްކްރިޕްޓްގެ އިތުރުން ސީރީޒްގެ އެއްވެސް މައުލޫމާތެއް އަދި ނޭގޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އާރިޔަން އަށް މީގެކުރިން ކުރި ޑްރަގް މައްސަލައިގެ ދައުވާއިން އާރިޔަން ވަނީ ސަލާމަތްވެފައެވެ.