ކ.ކާށިދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ ކާށިދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާކަމަށެވެ.
އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ. މިގޮތުން އަތޮޅުތެރޭގެ ރަށްތަކުގައި ހުރި ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމާއި ބޭނުންވާ ޢިމާރާތްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ހިނގަމުން އެބަދެއެވެ. މިގޮތުން ކ.ކާށިދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ ބައިގެ މަސައްކަތް ކުރުމަށް ވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ. މިއީ 4.8 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކާށިދޫ ސިއްޙީ މަރުކަޒުގެ މެނޭޖަރ އާމިނަތު ޒަކީ ވިދާޅުވީ އެމަރުކަޒަކީ ސިއްޙީ ޚިދުމަތްތައް މިންތި ކުރުމުގެ ގަވައިދުގެ ދަށުން ލެވެލް 3 ގެ ސިއްޙީ މަރުކަޒެއްކަމަށެވެ. އެހެންކަމުން 24 ގަޑިއިރަށް ޚިދުމަތްދޭއިރު، ޚިދުމަތް ދިނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 1999 ވަނަ އަހަރު ޤާއިމުކޮށްފައިވާ ކާށިދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް އެމަރުކަޒަށް 2019 ވަނަ އަހަރު ލިބުނުނަމަވެސް އެ ތަނަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ. ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ރަށަށް އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ޖާގަ ނެތްކަން އާމިނަތު ޒަކީ ފާހަގަކުރެއްވިއެވެ.
ސިއްޙީ މަރުކަޒުގައި ޢާއްމުކޮށް 2 ޑޮކްޓަރުން މަސައްކަތްކުރައްވައެވެ. އަދި ބަލި މީހުން އެޑްމިޓްކުރުމަށް 10 އެނދު މިހާރު ހުރިއިރު 2019 ވަނަ އަހަރުން ފެށިގެން ކާށިދޫގައި ގިނަ ޓެސްޓްތަކެއް އަންނަނީ ހަދަމުންނެވެ. ލެބޯޓްރީ ޓެސްޓުތަކާއެކު ރަށުގައި ލޭއަޅާ 6 ކުއްޖަކަށް އެޚިދުމަތް ދެމުން އަންނަނީވެސް ކާށިދޫ ސިއްޙީ މަރުކަޒުންނެވެ.
އެހެންކަމުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ ޖާގައެއް ބޭނުންވާކަމަށް ސިއްޙީ މަރުކަޒުން ބުނެއެވެ.
ކާށީދޫގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެރަށަށް މިއަހަރުތެރޭގައި ވަނީ ޕެރަމެޑިކް އެމްބިއުލާންސް ފޮނުވާފައެވެ. 2500 އެއްހާ މީހުންގެ އާބާދީއެއް އޮންނައިރު ސިއްޙީ މަރުކަޒުގެ ޚިދުމަތް މަހެއްގެ މައްޗަށް 600އާއި 800އާ މީހުން ހޯދާކަމަށް ސިއްޙީ މަރުކަޒުން ބުނެއެވެ.