ޚަބަރު

ޕެސްޓް ކޮންޓްރޯލް ކުރުމާގުޅޭ ކޮންފަރެންސްއެއް ފަށައިފި


ތިމާވެއްޓާ ރަށްޓެހި ޒަމާނީ އާލާތްތަކާއި ވަސީލަތްތަށް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޕެސްޓް ކޮންޓްރޯލް ކުރުމާބެހޭ ކޮންފަރެންސެއް ފަށައިފިއެވެ.

އަމިއްލަ ކުންފުންޏެއްކަމަށްވާ "ޕެސްޓަރމިނޭޓާރސް ޕްރައިވެޓް ލިމިޓެޑް"ގެ ފަރާތުން އިސްނަގައިގެން " ޕެސްޓު މެނޭޖްމަންޓް ކޮންފަރެންސް"ގެ ނަމުގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޮންފަރެންސް ފެށުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުސޫމެވެ.

މި ކޮންފަރެންސް ބާއްވާ މިއީ 2ވަނަ އަހަރެވެ. މީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 2019ވަނަ އަހަރުއެވެ.

ޕެސްޓު މެނޭޖްމަންޓް ކޮންފަރެންސް ފެށުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ދެއްކެވި ވާހަކަފުޅުގައިވަނީ މިފަދަ ކޮންފަރެންސެއްގެ މުހިންމުކަމާގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

"ދެމެހެއްޓެވި ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި ރާއްޖެ މަޝްހޫރުވެފައިވާއިރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ދެމެހެއްޓެވި ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ހަދަން ބޭނުންވޭ، މިކަން ހާސިލްކުރުމަށް ހުރިހާ ކަމެއްވެސް ސަސްޓެއިނަބަލިޓީ މުހިންމު.،" ޑރ.މަޢުސޫމް ވިދާޅުވިއެވެ.

"ޕެސްޓު މެނޭޖްމަންޓް ކޮންފަރެންސް" އަކީ ޕަބްލިކް ހެލްތު ޕެސްޓު ކޮންޓްރޯލް ކުރުމުގެ ދާއިރާއަށް އަމާޒުކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓަލްތަކާއި އަދި މި ނޫންވެސް މިފަދަ ފަރާތްތައް ޝާމިލްވާހެން ބާއްވާ ބައްދަލުވުމެކެވެ. މިކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ޕެސްޓް ކޮންޓްރޯލްކުރުމުގެ ދާއިރާއިން ދުނިޔޭގައި ލިބެންހުރި ވަސީލަތްތައް ދެނެގަނެ، ދުނިޔޭގައި މި ސިނާއަތަށް އަންނަމުންދާ ބަދަލުތަކަށް ހޭލުންތެރިކުރުވައި އެފަދަ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، ތިމާވެއްޓާ ރަށްޓެހި އަދި ރައްކާތެރިގޮތުގައި ޕެސްޓު ކޮންޓްރޯލް ކުރުމަށް މަގުފަހިކުރުމެވެ.

މި ކޮންފަރެންސްގައި މައުލޫމާތުދިނުމަށްޓަކައި ބަައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ 8 ފަރާތަކުން ބައިވެރިވެރިވެފައިވެއެވެ.