ޚަބަރު

އިންޑިއާ ސަފީރު ޗީފް އޮފް ޑިފެންސް ފޯސްއާއި ބައްދަލުކުރައްވައިފި


ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އަރިހަށް އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އާ ސަފީރު، އަކިލޭޝް މިޝްރާ، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީގައެވެ. މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ އާ ސަފީރުގެ ދައުރުގައި ރާއްޖެއާއި އިންޑިއާ އާ ދެ ޤައުމުގެ ދެމެދުގައި އަސްކަރީގޮތުން އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އަސްކަރީ ދާއިރާއިން މިގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން އިންޑިއާ ސަފީރާއެކު ޗީފް އޮފް ޑިފެންސް ފޯސް މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން އިންޑިއާ އަސްކަރިއްޔާއިން ދިވެހި ސިފައިންނަށާއި އެމްއެންޑީއެފްއަށް އެކި ގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ޝުކުރު އަދާކުރައްވާފައި. މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ކަންކަމުގައި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެރުއްވިއެވެ.