ޚަބަރު

1 މިލިއަންވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެ


ކޯވިޑް-19ގެ ބަލިމަޑުކަމާއި ދުނިޔޭގައި ކުރިއަށްދާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ 1 މިލިއަންވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2022ވަނަ އަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށް ލަނޑުދަނޑި ކަޑައަޅާފައިވާކަން އިއުލާން ކުރައްވާފައެވެ.

މިއަހަރު ރާއްޖެއަށް އަންނަ 1 މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވަނީ ބައިނަލްއަޤްވަމީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު ވެސް މި ކާމިޔާބީ ހަޤީޤަތަކަށް ހެދުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ތައުރީފު ކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

"މިއީ އުފާވެރި މުނާސަބަތެއް، އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް 1 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް މިވަނީ އާދެވިފައި. މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި، ސްޓޭކްހޯލްޑަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން މި ކާމިޔާބީ ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މަސައްކަތް މިހާ ހިސާބުން ނިމުނީކީ ނޫން. ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިހުރުމަށް، އަދި މި ވާދަވެރި ޒަމާނުގައި މަންޒިލްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިތްވަރާއެކު ކުރިއަށް ގެންދަންޖެހޭ. އެމްއެމްޕީއާރުސީއިން ހުއްޓުމެއްނެތި މިދަނީ ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުން." ޠައްޔިބު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022ވަނަ އަހަރުގެ ޖުލައި މަހުގެ 31ގެ ނިޔަލަށް 136،828 (އެއްލައްކަ ތިރީސްހަ ހާސް އަށްސަތޭކަ އަށާވީސް) ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ.

ރާއްޖެއަށް 2ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެއްގެ ގޮތުގައި އޮތީ 109،926 (އެއްލައްކަ ނުވަ ހާސް ނުވަސްތޭކަ ސައްބީސް) ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މި އަހަރު ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްތަކުގެ ތެރޭގައި ހިމެނެނީ 101،409 (އެއްލައްކަ އެއްހާސް ހަތަރަސްތޭކަ ނުވަ) ފަތުރުވެރިންނާއެކު ރަޝިޔާއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެންފެށި ފަހުން، ޚާއްސަކޮށް ބައިނަލްއަގްވާމީ ދަތުރުފަތުރަށް ޗައިނާގެ ބޯޑަރުތައް ބަންދުކުރި ފަހުން، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ތިން މާކެޓުގެ ލިސްޓުގައި ހިމެނި އެމަޤާމް ދަމަހައްޓާފައިވާ ގައުމެކެވެ. ޗައިނާގެ ބޯޑަރުތައް އަދިވެސް އޮތީ ބައިނަލްއަގްވާމީ ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓްކުރުމަށާއި، އަޅުގަނޑުމެންގެ މުހިންމު މާކެޓްތަކުގައި ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ވަނީ ގިނަ މަސައްކަތްކޮށްފައެވެ.

އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ 22 މާކެޓެއްގައި 260 ހަރަކާތެއް ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، "ވޯލްޑް ޓްރެވަލް އެވޯރޑްސް" (ޑަބްލިއުޓީއޭ) 2021ގައި "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.