ޚަބަރު

ގޮތަބަޔާގެ މިސްރާބު ސިންގަޕޫރުން ތައިލޭންޑަށް


ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ތައިލެންޑަށް ދަތުރު ކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ. ތައިލެންޑުގެ ޚާރިޖީ ވުޒާރާއިން ބުނީ، ތައިލެންޑަށް އެތެރެވުމުގެ ހުއްދައަކަށް ގޮތަބަޔަގެ ފަރާތުން އެދިފައިވާ ކަމުގައެވެ. އޭނާ މިހާރު ހުންނެވީ ސިންގަޕޫރުގައެވެ.

ގޮޔަބަޔަ ސިންގަޕޫރަށް ވަޑައިގެންނެވީ، އޭނާގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި މުޒާހަރާތަކާ ގުޅިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި، ފިއްލަވައިގެން ސިންގަޕޫރަށް ވައިގެންނެވުމަށް ފަހު އޭނާ ވަނީ އިސްތިޢުފާ ދެއްވާފައެވެ. ސިންގަޕޫރުން ބުނީ އޭނާ އެ ޤައުމަށް ވަޑައިގަތީ އަމިއްލަފުޅު ދަތުރެއްގައި ކަމުގައެވެ. އަދި، އޮގަސްޓު 11 އާ ހަމައަށް އެ ޤައުމުގެ ހުރެވޭ ގޮތަށް އޭނާއަށް ސިންގަޕޫރުގެ ސަރުކާރުން ވަނީ ޚާއްޞަ ހުއްދައެއް ދީފައެވެ.

އޮގަސްޓު 11 ގައި ރާޖަޕަކްސަ ތައިލެންޑަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބުނެ، ނަން ހާމަކުރަން ބޭނުން ނުވާ ސްރީލަންކާ ސަރުކާރުގެ ދެ އޮފިޝަލެއް ވަނީ މީޑިޔާއަށް މަޢުލޫމާތު ދީފައެވެ. ނަމަވެސް، އެ ޤައުމުގެ ސަރުކާރުން ރަސްމީ ސިފައެއްގައި އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރާޖަޕަކްސަގެ ދަތުރުފުޅާ ގުޅޭ ގޮތުން ތައިލެންޑުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނެއް ކަމުގައިވާ ތަނީ ސަންގްރަޓް ވިދާޅުވީ، އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓްގެ ދަށުން 90 ދުވަހުގެ ވިސާ ލިބޭނެ ކަމުގައެވެ. އަދި، އޭނާ ތައިލެންޑަށް ވަޑައިގަންނަވަނީ ކުރު ދަތުރުފުޅެއްގައި ކަމަށާއި، ސިޔާސީ ގޮތުން ހިމާޔަތް ހޯދަން އޭނާ މަސައްކަތް ނުކުރައްވާނެ ކަމުގައި ސްރީލަންކާގެ ސަރުކާރުން އަންގާފައިވާ ކަމަށް ވެސް ސަންގްރަޓް ވިދާޅުވިއެވެ.