ޚަބަރު

މަގޫދޫން 48 ހެކްޓަރުގެ ބިން ހިއްކަނީ!


ފ.މަގޫދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. މަގޫދޫ ބިން ހިއްކުމުގެ މަޝްރޫޢޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބައްވާފައެވެ.

މައީ ގޫދުއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށާއި އެރަށުގައި ތަރައްޤީކުރާ އެއަރޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތެވެ. މިމަޝްރޫޢު ފަށްޓަވާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބެލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މަގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެމްބަރު އަޙްމަދު ޙަލީމް ވިދާޅުވީ މިއީ މުޅި ފ.އަތޮޅާއި ދ.އަތޮޅަށްވެސް އިޤްތިޞާދީގޮތުން އިތުރު ކުރިއެރުން އަންނާނެ މަޝްރޫޢަކަށް ވެގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއިން ނިންމާލާނެކަމަށެވެ.

ފ.މަގޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ ދަށުން 48 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއަރޕޯޓް ހެދުމަށްޓަކައި ހިއްކާ 30.8 ހެކްޓަރުގެ ބިމާއި އެހެނިހެން ބޭނުމުގައި ހިއްކާ 17 ހެކްޓަރުގެ ބިމެވެ. އަދި 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ޙިމާޔަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަކީ 206.88 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރުޢެކެވެ.