ޚަބަރު

"ސީފުޑް ޗެމްޕިއަންސް އެވޯޑް ފޮރ އެޑްވޮކަސީ" ރާއްޖެއަށް !


މޯލްޓާގައި މިހާރު ކުރިއަށްދާ ސީފްޑް ސީވެބް ސަމިޓް 2016 ގައި ސީފުޑް ޗެމްޕިއަންސް އެވޯޑް ފޮރ އެޑްވޮކަސީ"  ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.މިއީ ދެމެހެއްޓެނެވި ގޮތެއްގައި ކަނޑުގެ ބާވަތްތައް ބޭނުންކުރުމަށް ގޮވާލައި އެރޮނގުން މަސައްކަތްކުރާ ފަރާތްތަކަށްދެވޭ ބައިނަލްއަޤްވާމީ ޚާއްޞަ އެވޯޑެކެވެ. ސީފްޑް ޗެންޕިއަންސް އެވޯޑަކީ ޒިންމާދާރުކަމާއެކީ ތިމާވެއްޓާ ރަށްޓެހިގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކާއި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ އެވޯޑެއްކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއެވެ. ސީފްޑް ޗެންޕިއަންސް އެވޯޑު ދެވެނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ލީޑަރޝިޕް، އިނޮވޭޝަން، ވިޝަން އަދި އެޑްވޮކަސީގެ ދަޢިރާތަކަށެވެ.ރާއްޖޭގެ މަސްވެރިކަމުން އުފައްދާ ބާވަތްތަކަށް މާރކެޓް ހޯއްދެވުމަށް ސަރުކާރުން ރަނގަޅު އަގު ހޯދުމަށާއި، އިތުރު މާރކެޓްތަކަށް ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތައް ނެރުމަށް ކުރައްވަމުން ގެންދެވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސީފްޑް ޗެމްޕިއަންސް އެވާރޑް ފޮރ އެޑްވޮކަސީ ދިވެހިރާއްޖެއަށް ލިބުނުކަމީ ދިވެހި މަސްވެރިން ކުރައްވާ ބުރަމަސައްކަތް ބޭރުގެ ޖަމާޢަތްތަކުން ބަލައިގަނެ އަދި މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއަކާއި ޝަރަފެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.