ޚަބަރު

ހއ.ދިއްދޫގައި 75 ރޯހައުސް އިމާރާތްކުރަން ހަވާލުކޮށްފި


ހއ. ދިއްދޫގައި 75 ރޯހައުސް އިމާރާތްކުރަން ހަވާލުކޮށްފިއެވެ.

ދިއްދޫގައި ރޯހައުސް އެޅުމަށް ހަވާލުކުރީ، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދުއެވެ.

ދިއްދޫގައި ރޯހައުސް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 120405400.00 (ސަތޭކަ ވިހި މިލިއަން، ހަތަރު ސަތޭކަ ފަސް ހާސް، ހަތަރު ސަތޭކަ) ރުފިޔާގެ މަޝްރޫޢެކެވެ.

މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްކަމަށެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގޭގެ އިތުރުން ކާގެއާއި ލޯންޑްރީ އަދި ސްޓޯ ރޫމެއްވެސް ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ވަށާފާރާއި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެއެވެ. އަދި ޕާކެއްގެ އިތުރުން ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމް ކުރެވިގެންދާނެއެވެ.

އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ދިއްދޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ، ރަށުގެ ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާ ރަށެކެވެ.

ޕްލޭނިންގ މިނިސްޓްރީގައި ކުރިއަށްދިޔަ މި އެއްބަސްވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ވެފައިވާ ވައުދުފުޅެއްކަމަށެވެ. މި މަޝްރޫޢާއެކު ވީހާވެސް އަވަހަށް ރަށަށް ދިމާވެފައިވާ މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ސަރުކާރުން ދިއްދޫގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްއެބަދޭ. އޭގެ ތެރޭގަ އެބަ ހިމެނޭ ޖޫނިއާ ކޮލެޖު ހެދުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުވެސް. އެވައުދުތަކާއި އެއްގޮތަށް ރަށު ތަރައްޤީއަށް މި މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އުންމީދުކުރަން" ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ވަހީދު ވިދާޅުވިއެވެ.

މިއީ އާބާދީ ބޮޑުވަމުންދާ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހިމެނޭ މަޝްރޫއެކެވެ.