ތަޢުލީމު

ދިވެހި އިސްލާމް މާއްދާގެ އެންމެ މަތީ ގްރޭޑަކަށް އޭ ސްޓަރ


އެސް.އެސް.ސީ އަދި އެޗް.އެސް.ސީ އިމްތިޙާންގައި ހަދާ ދިވެހި އިސްލާމް މާއްދާގެ އެންމެ މަތީ ގްރޭޑަކަށް އޭ ސްޓަރ ތަޢާރަފްކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ، ގްރޭޑް 10 ނިންމާ ދަރިވަރުން ހަދަމުންދާ އެސް.އެސް.ސީ އިމްތިޙާންގައި އޭ ސްޓަރ މިއަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރުގައި ބާއްވާ އިމްތިޙާންގައި ގްރޭޑްކުރެއްވުމަށް ނިންމާފައިވާކަމަށެވެ. އަދި އޭލެވެލް ނިންމާ ދަރިވަރުން ބައިވެރިވާ އެޗް.އެސް.ސީ އިމްތިޙާންގައި އޭ ސްޓަރ އަންނަ އަހަރުގެ މެއި، ޖޫންގައި ބާއްވާ އިމްތިޙާންގައި ގްރޭޑްކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ މިދެ އިމްތިޙާންގައިވެސް އޭ ސްޓަރ ގްރޭޑް ރޭންކްކުރުމަށް ހަމަޖެހިފައިވަނީ ކެމްބްރިޖް އަދި އެޑެކްސެލް އިމްތިޙާންތަކާ އެއްގޮތަށްކަމަށެވެ. އަދި އޭ ސްޓާރގެ މިންގަޑަށް ދިވެހި އިސްލާމް ޕޭޕަރުތައް މާކުކުރުމަށް ނިންމީ އެހެން މާއްދާތައްވެސް ކެމްބްރިޖާ އެއް މިންގަނޑަކަށް ގެންގުޅެމުންދާތީކަމަށެވެ.އިސްލާމާއި ދިވެހިން އެންމެ މަތީ ފާހެއްގެ ގޮތުގައި މިހާރު ދެނީ އޭ ފާހެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގައި 188 ސްކޫލަކުން ހަހާސް އަށްސަތޭކައަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ. މިއިމްތިޙާންގައި 76.3 އިންސައްތަ ދަރިވަރުން އިސްލާމް މާއްދާއިން ފާސްވެފައިވެއެވެ.ދިވެހި މާއްދާއިން ފާސްވި ކުދިންގެ ޕަސެންޓޭޖް އުޅެނީ 81 ގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.