ޚަބަރު

އެމެރިކާގައި ހަތަރު މުސްލިމުން މަރާލިކަމުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި


އެމެރިކާގެ ހުޅަނގު ދެކުނުގައިވާ ސްޓޭޓެއް ކަމުގައިވާ ނިއު މެކްސިކޯގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަރައިލާފައިވާ ހަތަރު މުސްލިމުންގެ ޤާތިލު ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ. އެލްބަކަރކީގެ ފުލުހުންގެ އިސްވެރިޔާ ހެރޮލްޑް މެޑީނާ ބުނީ، މަރުތަކުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައި ވަނީ 51 އަހަރުގެ މުޙައްމަދު ސަޢީދު ކިޔާ މީހެއް ކަމުގައެވެ. އޭނާއަކީ އެލްބަކަރކީގެ ރައްޔިތެކެވެ.

ސަޢީދު ހައްޔަރު ކޮށްފައި ވަނީ، މުސްލިމުންގެ ދެ މީހަކު މަރައިލުމުގެ އަމަލު ހިންގުމަށް އޭނާ ބޭނުން ކުރި ކަމަށް ބެލެވޭ ކާރެއް ހޯދުމަށް ޢާންމުންގެ އެހީތެރިކަމާ އެކު ހިންގި އޮޕަރޭޝަނެއްގައި ކަމުގައި ފުލުހުން ބުނެއެވެ. އަދި، ދެ މީހެއްގެ މަރާ ގުޅިގެން ހޯދިފައިވާ ހެކީގެ މައްޗަށް ބަލައި، މުސްލިމުންގެ ދެ މީހަކު މަރައިލުމުގެ ކުށުގެ ދަޢުވާ އޭނާއަށް އުފުލާނެ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ، އެލްބަކަރކީގައި ސަޢީދު ދިރިއުޅޭ ގެ ބަލައިފާސްކޮށްފައެވެ. އަދި، އެ ގެއިން ހަތިޔާރުތަކެއް ހޯދިފައިވާ ކަމަށާއި، މަރައިލާފައިވާ ހަތަރު މީހުންނަކީ ވެސް ސަޢީދު ދަންނަ، އޭނާއާ ކޮންމެ ވެސް ވަރެއްގެ ގުޅުންތަކެއް އޮތް މީހުންތަކެއް ކަން ވެސް ތަހުޤީޤަށް ހާމަވެފައިވާ ކަމުގައި ފުލުހުން ބުންޏެވެ.

އެލްބަކަރކީގައި ބަޑިޖަހައިގެން ދިން ހަމަލާތަކެއްގައި އެންމެ ފަހުން މަރައިލާފައި ވަނީ އުމުރުން 25 އަހަރުގެ ނަޢީމް ޙުސައިނެވެ. ޓްރަކް ދުއްވާ މީހެއްގެ ވަޒީފާ އަދާކުރާ ޙުސައިން މަރައިލާފައި ވަނީ އޮގަސްޓު 5 ވަނަ ދުވަހުއެވެ.

ނަޢީމަކީ، ފާއިތުވި ނުވަ މަހުގެ ތެރޭގައި ނިއު މެކްސިކޯގައި މަރައިލާފައިވާ ހަތަރުވަނަ މުސްލިމް މީހާއެވެ. މަރައިލާފައިވާ އަނެއް ތިން މީހުންގެ ތެރޭގައި ހިމެނޭ 62 އަހަރުގެ މުޙައްމަދު އަޙްމަދީ މަރައިލާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. 41 އަހަރުގެ އަފްތާބް ޙުސައިން މަރައިލާފައި ވަނީ މި ހުސްވި ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި، މަރައިލާފައިވާ ތިންވަނަ މީހަކީ 27 އަހަރުގެ މުޙައްމަދު އަފްޒާލް ހުސައިނެވެ.