ޚަބަރު

ކިޔުބާގެ ތެޔޮ ރައްކާކުރާ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި


ކިޔުބާގެ ވެރިރަށް ހަވާނާގެ އިރުމަތީގައި އޮންނަ މަޓަންޒާސް ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކެއްގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑު ނިއްވައިލައިފިއެވެ. މަޓަންޒާސް ބަނދަރުގެ ތެޔޮ ރައްކާކުރާ ޓޭންކެއްގައި ރޯވެފައި ވަނީ އޮގަސްޓު އޮގަސްޓު 5 ވަނަ ދުވަހު، އެއް ޓޭންކަން ހޮނު އެޅުމުގެ ސަބަބުންނެވެ. އަދި، ރޯވި އަލިފާންގަނޑު ނިއްވައި ނުލެވެނީސް، އަލިފާންގަނޑު ވަނީ އިތުރު ހަތަރު ޓޭންކަކަށް ފެތުރިފައެވެ.

މިއީ، ކިޔުބާގައި މިހާތަނަށް ހިނގާފައިވާ މި ފަދަ އެންމެ ބޮޑު، އަދި ނުރައްކާތެރި ހާދިސާއެވެ. މި ހާދިސާގައި ކިޔުބާގައި ރައްކާކޮށްފައި ހުރި ތެލުގެ 40 އިންސައްތަ އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ.

މަޓަންޒާސް ބަނދަރުގައި ޖުމުލަ 10 ޓޭންކު ހުރެއެވެ. އަދި، ކޮންމެ ޓޭންކެއްގައި 300,000 ފީފާގެ ތެޔޮ ރައްކާކޮށްފައި ހުއްޓެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސް އެޅި، ބައެއް ސަރަޙައްދުތަކުން އެ ޚިދުމަތް ވަނީ ކެނޑިފައެވެ.

މި ހާދިސާގައި އަލިފާން ނިއްވަން އުޅުނު މީހަކު މަރުވެފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެ މީހާ މަރުވެފައި ވަނީ، ދެވަނަ ތެޔޮ ޓޭންކުގައި ހުޅުހިފައި، ގޮވި ގޮވުމެއްގައެވެ. އަދި 120 އަށްވުރެ ގިނަ މީހުން ވަނީ މި ހާދިސާގައި ޒަޚަމްވެފައެވެ. މި ހާދިސާގައި ވަރަށް ބޮޑަށް ފިހުނު ފަސް މީހަކަށް ފަރުވާދެމުން ދާއިރު، ގެއްލިފައިވާ ކަމަށް 14 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ތެޔޮ ރައްކާކުރާ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އެހީތެރިވުމަށް މެކްސިކޯގެ އިތުރުން ވެނެޒުއެލާއިން ވެސް ވަނީ ޓީމުތައް ފޮނުވާފައެވެ. އަދި، އެމެރިކާއިން ވަނީ، އަލިފާން ނިއްވުމަށް ކުރަމުންދާ މަސައްކަތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މަޓަންޒާސް ބަނދަރުގައި ރޯވި އަލިފާންގަނޑުގެ ދުންގަނޑު ވަނީ ވެރިރަށް ހަވާނާއާ ހަމައަށް ފޯރާފައެވެ. އަދި، މި ކަމާ ގުޅިގެން "އެސިޑް ވާރޭ" ވެހިދާނެ ކަމުގެ ބިރު އޮތުމުން، ކިޔުބާއިން ވަނީ ހަވާނާގެ ރައްޔިތުންނަށް ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވެފައެވެ.