ޚަބަރު

ބުރްކީނާ ފާސޯގައި ބޮންތަކެއް ގޮއްވާލައި ސިފައިންގެ 15 މީހުން މަރާލައިފި


އެފްރިކާ ބައްރުގެ ހުޅަނގުގައި އޮންނަ ޤައުމެއް ކަމުގައިވާ ބުރްކިނާ ފާސޯގައި ބޮންތަކެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި ސިފައިންގެ 15 މީހުން މަރައިލައިފިއެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ސިފައިން ގޮވައިގެން އެ ޤައުމުގެ އުތުރުގެ ރަށެއް ކަމުގައިވާ ބާމްގައި ދަތުރު ކުރަމުންދިޔަ އަސްކަރީ އުޅަނދަކަށެވެ.

އެ ޤައުމުގެ އަސްކަރިއްޔާއިން ބުނީ، ފުރަތަމަ ބޮން ގޮއްވައިލާފައި ވަނީ ބޮން ފޮރުވާފައި އޮތް ތަނާ އުޅަނދު އަރައި ހަމަވުމުން ކަމުގައެވެ. އަދި، އެ ހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި ސިފައިންނަށް އެހީތެރިވުމަށް އިތުރު މީހުން ގާތްވި ވަގުތު ދެވަނަ ބޮން ގޮއްވައިލާފައިވާ ކަމުގައެވެ.

މި ހަމަލާތަކަކީ، ބުރްކިނާ ފާސޯގެ އުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކަމަށް ބެލެވޭ އަލް ޤައިދާއާއި އައި.އެސް. ޖަމާޢަތަށް ނިސްބަތްވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގާފައިވާ އަމަލެއް ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ތުހުމަތު ކުރެއެވެ. ނަމަވެސް، އެ ފަދަ އެއްވެސް ޖަމާޢަތަކުން މި ހަމަލާގެ ޒިންމާ އަދި އުފުލާފައެއް ނެތެވެ.

މި ހަމަލާގެ އެއް ދުވަސް ކުރިން ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު ވަނީ އެ ޤައުމުގެ އުތުރުގައިވާ އަވަށަކަށް ވެސް ހަމަލާ ދީފައެވެ. އެ ހަމަލާގައި ސިފައިންގެ ފަސް މީހަކާއި ޢާންމުންގެ ފަސް މީހަކު މަރައިލާފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި، އޭގެ ހަފުތާއެއްހާ ދުވަސް ކުރިން ދިން ހަމަލާއެއްގައި ވެސް ސިފައިންގެ ފަސް މީހަކާއި، ސިފައިންނަށް ވާގިވެރިވެދޭ ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ ނުވަ މީހަކު ވަނީ މަރައިލާފައެވެ.