ޚަބަރު

ތާޒާ ބްރޭންޑުން ތިމާވެއްޓާއި ރައްޓެހި އައު އުފެއްދުންތަކެއް


ތާޒާ ބްރޭންޑުން ތިމާވެއްޓާއި ރައްޓެހި އައު 3 އުފެއްދުމެއް ތަޢާރަފްކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އައު އުފެއްދުންތައް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)ގެ ޗެއަރމަން ހަސަން ޝާހު އާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރެވެ.

އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން މިހާރު ބާޒާރަށް ނެރެފައިވާ ފެންފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް ފުޅިތަކެކެވެ. އެހެންނަމަވެސް އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އައު 3 އުފެއްދުމަކީ 1 ލީޓަރާއި 500 މިލި ލީޓަރުގެ ތާޒާ ބިއްލޫރި ފުޅިއާއި، ޑިސްޕެންސަރަށް ލައްވާ 19 ލީޓަރުގެ "ތާޒާ 5ޖީ" ބޮޑެތިފުޅިއެވެ.

އައިބީއެމުން އައު އުފެއްދުންތައް ތަޢާރަފްކޮށްފައި މިވަނީ އެކުންފުންޏަށް 20 އަހަރު ފުރޭ މުނާސަބަތުގައި ފެށި "ތާޒާ ވެށި" ކެމްޕޭނުގެ ދަށުންނެވެ.

ތާޒާގެ އައު އުފެއްދުންތައް ތަޢާރަފްކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އައިލެންޑު ބެވެރަޖަސް އިން އަލަށް ތަޢާރަފްކުރި މިއުފެއްދުންތަކާއެކު އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ހާސިލްކުރުމަށް އެހީތެރިވެދޭނެކަމަށެވެ.

" ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2030ގެ ނިޔަލަށް ނެޓް ޒީރޯއަށް ގެނައުމަށް، އަމާޒުހިފި، އަދި ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދުކުރުމަށް އަމާޒް ހިފި، މިއަދު އައިލެންޑު ބެވަރެޖާސްއިން މިފެށި ޕްރޮޖެކްޓާއި އެކު މިކަމަށް އެހީތެރިވެދޭނެ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

"ތާޒާ ވެށި" ކެމްޕޭން ފެށުމަށް ރޭވީ، 2020 ވަނަ އަހަރު ނަމަވެސް ކޯވިޑާއި ގުޅިގެން ކެމްޕެއިން ފެށުން ލަސްވެގެން ދިޔަކަން އައިބީއެމުން ފާހަގަކުރެއެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން އައިބީއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވީ އެކުންފުނީގެ ފެނުގެ ކޮލިޓީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

" ތާޒާގެ ކޮންމެ އުފެއްދުމަކީ ތަފާތު 3 ފިލްޓަރޭޝަން ޕްރޮސެސްގެ ތެރެއިން ފެން އިތުރަށް ސާފުކޮށް ރައްކާތެރިކުރެވިގެން ހަށިގަނޑަށް ބޭނުންވާ މުހިއްމު 5 ބާވަތެއްގެ މިނަރަލް ޑޯޒިން ދެވިގެން ބަންދުކުރެވޭ އުފެއްދުމެއް". އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އެކުންފުނީގެ އުފެއްދުމަށް އޮންނަ ޑިމާންޑު އިތުރުވެފައިވާއިރު، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ފާއިތުވީ 3 އަހަރުތެރޭ މާލޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ފްލީޓު 2 ގުނައަށް އިތުރުކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

ތާޒާ ބްރޭންޑުގެ އައު އުފެއްދުންތަކެއް ތަޢާރަފްކޮށްފައިވާއިރު، އެއުފެއްދުންތައް މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ބާޒާރުން ލިބެން ހުންނާނެއެވެ. އަދި އެކުންފުނީގެ ހޮޓްލައިން 1619 އަށް ގުޅައިގެން އޯޑަރު ދެވޭނެ ކަމަށްވެސް އައިބީއެމުން މައުލޫމާތުދެއެވެ.