ރާއްޖޭގައި ބާއްވާ ދުނިޔޭގެ ފެންވަރުގެ ދެ އިމްތިހާނު ކަމުގައިވާ އޯލެވަލް އިމްތިހާނާއި އޭލެވެލް އިމްތިހާނުން، ރާއްޖޭގެ ދަރިވަރުން ހޯދަމުންދާ ކަމިޔާބީތަކަކީ އެހެން ގައުމަުތަކާ އާލާބަލާއިިރު ނިސްބަތުން މީސްކޮޅު މަދު މި ދިވެހިރާއްޖެ ފަޚުރުވެރިވާނެޖެހޭ ފަދަ ކާމިޔާބީތަކެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރު މަހު ބޭއްވި އޯލެވެލް އިމްތިޙާންގެ ނަތީޖާއާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ 5 މާއްދާއިން ފާސްވި ނިސްބަތް ހުރީ އޭގެކުރީ އަހަރަށްވުރެން 4 އިންސައްތައިގެ ކުރިއެރުމަކާއިއެކު، 56 އިންސައްތައިގައިކަމަށެވެ. 2014 ވަނަ އަހަރު މި ނިސްބަތް ހުރީ 52 ޕަސެންޓްގައެވެ. އޯލެވެލް އިމްތިޙާންގެ ނަތީޖާއަށް ބަލާއިރު މަޖުބޫރު މާއްދާތަކުން ދަރިވަރުން ފާސްވި ނިސްބަތްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އިސްލާމުން، ފާސްވި ނިސްބަތް ހުރީ 3 އިންސައްތައި ކުރިއެރުމަކާއެކު 76 އިންސައްތައިގައެވެ. ދިވެހިން 6 ޕަސެންޓްގެ ކުރިއެރުމަކާއެކު 81 އިންސައްތައިގައި ހުރިއިރު، އިނގިރޭސި އާއި ހިސާބު މާއްދާ އިން 1 އިންސައްތަ ކުރިއެރުމެއް ވަނީ ލިބިފައެވެ. ޖުމްލަ ސްކޫލްތަކުގެ ނަތީޖާއަށް ބަލާއިރު 2015 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާން ނިންމި ދަރިވަރުން ފާސްވި ނިސްބަތް 2014 ވަަނަ އަހަރާއި އަޅާބަލާއިރު ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. މިއިމްތިޙާންގައި 3 މާއްދާއިން އެއްވެސް ދަރިވަރަކު ފާސް ނުވާ ސްކޫލްތަކުގެ ޢަދަދު ވަނީ 8 ސްކޫލަކުން 3 ސްކޫލަށް ތިރިކުރެވިފައެވެ. އަދި 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 25 އިންސައްތަ އަށްވުރެ ދަށް ސްކޫލްތަކުގެ ޢަދަދު 51 އިން 29 ސްކޫލަށް ވަނީ ދަށްކޮށްފައެވެ. އެޑިޔުކޭޝަން މިނިސްޓްރީ އިން ދަށްވެގެން ފާސްވާ ނިސްބަތުގެ ގޮތުގައި ކަނޑައަޅާފައިވާ 5 މާއްދާއިން ފާސްވާ ދަރިވަރުން 60 އިންސައްތަ އަށްވުރެ މަތި ސްކޫލްތަކުގެ އަދަދު 38 އިން މިއަހަރު ވަނީ 63 އަށް މަތިވެފައެވެ. އަދި 5 މާއްދާއިން ފާސްވި ދަރިވަރުން 80 އިންސައްތަ އަށްވުރެ މަތި ސްކޫލްތަކުގެ އަދަދު 8 އިން 17 އަށް ވަނީ މަތިވެފައެވެ. އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ އޯލެވެލް ނަތީޖާ ލިބުމާއެކު ސްކޫލްތަކާއިއެކު ނަތީޖާ އާއި މެދު މަޝްވަރާކުރުމުގެ މަސައްކަތް ފަށާފައިވާކަަމަށެވެ. އަދި ކޮންމެ ސްކޫލަކުން ލިބުނު ނަތީޖާއަށް ބަލާ އެނަތީޖާ މަތިކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ މަސައްކަތްކުރަމުންދާކަމަށެވެ. މިމަސައްކަތުގައި 80 އިންސައްތަ އަށްވުރެން މަތިން ފަސް މާއްދާއިން ފާސްވި ނިސްބަތް ހުރި ސްކޫލްތަކުގެ ތަޖުރިބާތައް ނަތީޖާ ދަށް ސްކޫލްތަކާއި ޙިއްސާކުރެވިގެންދާނެކަމަށެވެ.މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާންގައި ގަދަ ދިހައެއްގައި ހިމެނުނު ދަރވަރުންގެ ޢަދަދު ވަނީ 2014 އާއި އަޅާބަލާއިރު ދަށްވެފައެވެ. 2014 ވަނަ އަހަރު ގަދަ ދިހައެއްގައި 475 ކުދިން ހިމެނުނުއިރު ދެހާސްފަނަރަ ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނެނީ 466 ދަރިވަރުންނެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ މިޢަދަދު ދަށްވެގެންދިޔައީ އާބާދީއަށް އަންނަ ބަދަލާއެކު އިމްތިޙާންގައި ބައިވެރިވާ ދަރިވަރުންގެ ޢަދަދުވެސް މަދުވެފައިވުމާއި ގުޅިގެންކަމަށެވެ. އޯލެވެލް އިމްތިޙާނުގައި 188 ސްކޫލަކުން ހަހާސް އަށްސަތޭކަ ސާދަ ކުދިން ބައިވެރިވެފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު މަދު ޢަދަދެކެވެ. 2014 ވަނަ އަހަރު އޯލެވެލް އިމްތިޙާނުގައި ހަތްހާސް ދުއިސައްތަ ދެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.