ޚަބަރު

"އުންޗާއީ" - އެކުވެރިކަމާއި އާއިލީ ލޯބީގެ ތަފާތު ވާހަކަތަކެއް


އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ބޮލީވުޑް ސުޕަރ ސްޓަރ އަމީތާބް ބައްޗަން، އަނޫޕަމް ކޭރް، ބޯމަން އިރާނީ ލީޑް ރޯލުން ފެނިގެންދާ "އޫންޗާއީ"ގެ ފަސްޓް ލުކް މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

"އޫންޗާއީ" ގެ ފުރަތަމަ ލުކް ދައްކާލާފައިވަނީ ލީޑް އެކްޓަރު އަމީތާބް ބައްޗަންއެވެ. އަމީތާބްގެ އިތުރުން މީގައި އަނޫޕަމް އާއި ބޯމަން ވެސް ފެނެއެވެ. އެ ޕޯސްޓަރުގައި މި 3 މީހުން ހިމާލަޔާ ފަރުބަދަތަކުގައި ޓްރެކިން ކުރާތަން ފެންނައިރު ފަހަތުން މައުންޓް އެވަރެސްޓް ފެނެއެވެ.

ޓީޒާ ޕޯސްޓަރުގެ މަތީގައިވާ ޓެގްލައިންގައި ލިޔެފައިވަނީ އެމީހުންގެ ހަމައެކަނި ހިތްވަރަކަށްވީ އެކުވެރިކަން ކަމަށެވެ.


މި ފިލްމުގައި މި 3 ވެޓެރަން އެކްޓަރުންގެ އިތުރުން ނީނާ ގުޕްތާ، އަދި ސާރިކާ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި ޕަރިނީތީ ޗޯޕްޅާގެ ޚާއްސަ ފެނިލުމެއްވެސް ފިލްމުގައި ފެނިގެންދާނެއެވެ.

ރާޖްޝްރީ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމަކީ، އިއުލާންކުރީއްސުރެ ބެލުންތެރިން ވަރަށް އިންތިޒާރުކުރާ ފިލްމަކަށް ވަނީ ވެފައެވެ.

މި ފިލްމުގެ މަންޒަރުތައް ނޭޕާލް، ދިއްލީ، މުމްބާއީ، އާގްރާ، ލަކްނޯ، އަދި ކާންޕޫރުގައިވެސް ވަނީ ޝޫޓްކޮށްފައެވެ. މި ފެމިލީ ޑްރާމާ އަކީ 7 އަހަރަށްފަހު ޑައިރެކްޓަރު ސޫރާޖް އާރް ބާޖަތުޔާ ބޮޑު ސްކްރީނަށް އެނބުރި އައުމެވެ.