ޚަބަރު

ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި ސިފައިންގެ ހަތަރު މީހުން މަރާލައިފި


ޕާކިސްތާނުގެ އަސްކަރިއްޔާގެ ގާފިލާއަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ސިފައިންގެ ހަތަރު މީހުން މަރުވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައި ވަނީ އެ ޤައުމުގެ އުތުރު ވަޒީރިސްތާން ޑިސްޓްރިކްޓުގެ ރަށެއް ކަމުގައިވާ މީރް ޢަލީގައި ދަތުރު ކުރަމުންދިޔަ އަސްކަރިއްޔާގެ އުޅަނދުތަކަކަށެވެ. އެއީ، އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ.

މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ބޮންތައް ހަރުކޮށްފައި ވަނީ އެހެން އުޅަނދެއްގައި ކަމަށާއި، ބޮންތައް ގޮއްވައިލާފައި ވަނީ އެ އުޅަނދު އަސްކަރީ އުޅަނދުތަކުގައި ޖެއްސުމަށް ފަހު ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއާއި ފުލުހުން ބުނެއެވެ. މީރް ޢަލީގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގާ މި ފަދަ އަމަލުތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

މި ހަމަލާ ދީފައި މި ވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ޖަމާޢަތު އަލްއަޙްރާރުގެ އިސް ކޮމާންޑަރެއް ކަމުގައިވާ އުމަރު ޚާލިދު ޚުރަސާނީ މަރައިލިތާ އެއް ދުވަސް ފަހުންނެވެ. އޭނާ މަރައިލާފައި ވަނީ، އަފްޣާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައެވެ.

ޖަމާޢަތު އަލްއަޙްރާރަކީ، ޓެރެރިސްޓް ޖަމާޢަތެއްގެ ގޮތުގައި އެމެރިކާއާއި އ.ދއިން ކަނޑައަޅާފައިވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ވަނީ، ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ދާދި ފަހުން ދީފައިވާ ގިނަ ހަމަލާތަކެއްގެ ޒިންމާ އުފުލާފައެވެ. މީގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކްރިސްޓިއަނުންނާއި ޝީޢީންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތައް ހިމެނެއެވެ.