ޚަބަރު

އޭޝިއަން ކަރާޓޭ މުބާރާތަށް ދިޔަ ޓީމާއި އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވައިފި


އިންޑިއާގައި ކުރިއަށްދިޔަ އޭޝިއަން ކަރާޓޭ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައްދަލުކުރައްވައިފިއެވެ.

ރަންވަނަ ހޯދި ޓީމާއި ބައްދަލުކުރައްވާ، ޓީމުން ހޯދި ކާމިޔާބީއަށް މިނިސްޓަރވަނީ މަރުހަބާ ވިދާޅުވެފައެވެ.

އިންޑިއާގެ ޓެމިލްނާޑޫގައި ކުރިއަށްދިޔަ "ކަރާޓޭ އެންޑް ސިލޭމްބަމް އޭޝިއަން ޗެމްޕިއަންޝިޕް" ގައި ރާއްޖޭގެ އެތުލީޓުން ވަނީ އިންޑިއާގެ 10 ސްޓޭޓެއް ބަލިކޮށް އެއްވަނަ ހޯދާފައެވެ.

މުބާރާތުގައި ރާއްޖޭގެ 14 އެތުލީޓުން ވާދަކުރިއިރު، އެ އެތުލީޓުންނަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ނުވަ ދަރިވަރުންނާއި، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުންގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރެކެވެ.

މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ އެކި ކެޓަގަރީތަކުގައި ވާދަކޮށް 17 ރަން މެޑެއްޔާއި، ފަސް ރިހި މެޑެލް އަދި 16 ލޯ މެޑެލް ހޯދާފައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކޮށްފައިވަނީ އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޓީމުތަކެވެ. އެގޮތުން އަންދްރަ ޕްރަދޭޝް، ކެރެލާ، ޓަމިލްނާޑޫ، ޓެލެންގްޔާ، ގުޖުރާތު، މަދްޔާ ޕްރަދޭޝް، ޖާގަންޑް އަދި ޕުންޖާބް ހިމެނެއެވެ.

މިއީ ރާއްޖޭގެ ކަރާޓޭ ޓީމަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.