ކުޅިވަރު

ސޮލިޑާރިޓީ ގޭމްސްގައި ދިދަ އުފުލާނީ ހިމްނާ އާއި ވިލްދާން


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޒިންމާ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނާއި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އިސްމާޢީލް ވިލްދާނާ ހަވާލުކޮށްފިއެވެ.

ކޮންޏާގެ އެތުލީޓްސް ވިލެޖުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފުލާގައި ދިދަ އުފުލާ އެތުލީޓުންނާ ދިދަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

މި ހަފުލާގައި ވަޒީރު މަހުލޫފް އާއި ސައްތާރު އަދި ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން، އައިޝަތު ޝިފާނާ ވަޖީހު ވަނީ މި ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ހަތަރު ކުޅިވަރު ކަމަށްވާ، ޓޭބަލް ޓެނިސް، އެތުލެޓިކްސް، ފެތުން އަދި ބާސްކެޓުގެ ތްރީ އޮން ތްރީ މުބާރާތުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު އަޒަރުބައިޖާނުގެ ބަކޫގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލީ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހުއެވެ.