ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތް ފެށީ ކެމްޕެއިން ލޯންތައް ދައްކަން - ނާޒިމް


2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވިޔަފާރިވެރިންގެ އަތުން ނެގި ލޯންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވީ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެ އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާއިންކަމަށް އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ކްރިމިނަލްކޯޓުގައި މިހާރު ކުރިޔަށްދާ ޝަރީއަތުގެ ހެކިބަސް ދެއްވަމުންނެވެ.

ހެކިބަސް ދެއްވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތް ފެށުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އަބްދުﷲ ޔާމީން އެކި މީހުން އަތުން ނެންގެވި ލޯންތައް ދެއްކުމުގެ ގޮތުންކަމަށެވެ. ޝަރީއަތުގައި ހެކިބަސް ދެއްވަމުން ނާޒިމްވަނީ ދަރަނި ދެއްކުމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ސްކޭމް ރައީސް ޔާމީން ފެށި ގޮތުގެ ތަފްސީލުތައް ކިޔާދެއްވާފައެވެ.

ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިއަކީ ޔާމީންކަމަށާއި އެ ހިޔާނާތް ހިންގާކަން ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެކަން ފަށާފައިވަނީ ވެރިކަމަށް އައިސް 6 މަސްވެސް ނުވަނީސްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެކި ތަންތަނުންނާއި ވިޔަފާރިވެރިންނާއި އެމްއެމްޕީއާރުސީގެ ސްކޭމްގެ ފައިސާތައް ނެގުމާއި އެ ފައިސާ ރައީސް ޔާމީން އުޅުއްވި ގ. ދޫވެއްސަށް ގެނެސްދިނުމުގައި އިސްކޮށް ހުރީ އޭރު ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބުކަމަށެވެ. އަދި އެ ފައިސާ ރައީސް ޔާމީނަށް ބަރާބަރަށް ލިބޭތޯ ރައީސް ޔާމީނާއި ސުވާލުކުރެއްވުމުން އެ ފައިސާ ބަރާބަރަށް ލިބެމުން އަންނަކަމަށް ޔާމީން ވިދާޅުވިކަމަށްވެސް ނާޒިމު ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އޭނާ ޔާމީނާއި އެކު އިންވަނިކޮށް ކަޅު ދަބަހަކަށް އަޅައިގެން އަދީބު ރައީސް ޔާމީނަށް ފައިސާ ގެނައިކަމަށާއި ސުވާލުކުރުމުން އެއީ 15 މިލިއަން ރުފިޔާކަމަށް އަދީބު ވިދާޅުވިކަމަށްވެސް ނާޒިމް ހެކިބަސް ދެމުންވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ އެމްޕީއެލަށް އެމްއެމްޕީއާރުސީގެ ޗެކްތަކެއް ދިނުމަށްފަހު 5 މިލިއަން ޑޮލަރު ނެގި މައްސަލަ ޔާމީނާއި ހަމައަށް ގެންދެވީ ސީދާ އޭނާކަމަށެވެ. އަދި އޭގެ ތަފްސީލު ޑޮކިއުމެންޓްތައްވެސް ޔާމީނަށް ހުށައެޅުއްވިކަންވެސް ނާޒިމްގެ ހެކިބަހުގައި ވަނީ ފާހަގަކުރައްވާފައެވެ. އެ މައްސަލަ ޔާމީންގެ ސަމާލުކަމަށް ގެންނެވީ އެ 5 މިލިއަން ޑޮލަރު ދައުރުކޮށް ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ދިން ވިޔަފާރިވެރިއެއްގެ އެކައުންޓްވެސް ހިމެނުމުންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ދައުލަތަށް ލިބެންޖެހޭ ފައިސާ އެ ކުންފުނީގެ އެކައުންޓަށް ޖަމާވާގޮތަށް ބަދަލުކުރީ އޭރުގެ ބަންޑާރަ ނައިބާއި ޔާމީނާ ވަރަށް ބޮޑަށް ރޭވިގެންކަމަށްވެސް ނާޒިމުވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅޭ ވާހަކަތައް ހިއްސާކުރައްވަމުން ނާޒިމް ވިދާޅުވީ މ. އަތޮޅުގައި ހިމެނޭ ތިން ފަޅެއް ކުއްޔަށް ދީގެން ލިބުނު ފައިސާ އެސްއޯއެފްގެ އެކުންޓަށް ވަނުމުން އެެކަންވެސް ރައީސް ޔާމިންގެ ސަމާލުކަމަށް ގެނައިކަމަށް އެ ފައިސާ ދެއްކި ފަރާތްތަކުން ބުނެފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

2014 އަހަރުގެ އޭޕްރިލްމަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީނާއި ބައްދަލުކުރައްވާ އެމްއެމްޕީއާރސީގެ ފައިސާގެ ހިޔާނާތުގެ ވާހަކަތައް ނާޒިމް ހިއްސާކުރެއްވީތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ނާޒިމްގެ މައްސަލައެއް ސުޕްރީމްކޯޓުން ބަލާ 25 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ މައްސަލައަކީ ނާޒިމްގެ ހިއްސާ އޮންނަ ނަމިރާ އިންޖިނިއަރިންގެ މުވައްޒަފަކު ލައްވާ އެކި ކުންފުނިތަކަށް އެސްޓިމޭޓް ހުށައަޅާ ސަރުކާރުގެ މަޝްރޫއުތަކެއް ކާމިޔާބު ކުރިކަމަށް ބުނާ މައްސަލައެއްގައެވެ. މި މައްސަލަ ސްޕްރީމްކޯޓުން ނިންމާ ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2015 އަހަރުގެ އޭޕްރިލްމަހުގެ 16 ވަނަދުވަހުއެވެ.