ޚަބަރު

އެފްބީއައީގެ ރޭޑުގައި ތިޖޫރީވެސް ފަޅައިލި: ޓްރަމްޕް


އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެޔަށް، އެ ޤައުމުގެ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިން ރޭޑު ޖަހާފައިވާ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެއެވެ. އެފް.ބީ.އައި.ގެ އޮފިސަރުން ރޭޑު ޖަހާފައި ވަނީ ފްލޮރިޑާގެ ޕާމް ބީޗްގެ މާރަލާގޯގައި ހުންނަ އޭނާގެ ގެއަށެވެ.

ޓްރަމްޕް ވިދާޅުވީ، އެފް.ބީ.އައި.ގެ އޮފިސަރުން އެ ގެއަށް ވަދެ ހިންގި ރޭޑުގައި، އޭނާގެ ތިޖޫރީ ވެސް ހުޅުވައި، އޭގައި ރައްކާކޮށްފައި ހުރި ތަކެތި ބަލައި ފާސްކުރި ކަމުގައެވެ. މިއީ، ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހިންގަމުންދާ މައްސަލައާ ގުޅިގެން ޖަހާފައިވާ ރޭޑެއް ކަމުގައި ބެލެވެއެވެ. ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވުމުން އޭނާ ވައިޓް ހައުސް ދޫކުރައްވާ ވަޑައިގެންނެވީ، ގިނަ އަދަދެއްގެ ރަސްމީ ލިޔެކިޔުންތަކެއް ހިފައިގެން ކަމުގައި ތުހުމަތު ކުރެވެއެވެ.

"އެފް.ބީ.އައި.ގެ އޮފިސަރުންގެ ބޮޑު ފައުޖެއް އައިސް މި ތަން ހިފައިފި. މި ތަނަށް ރޭޑު ޖަހާ ކަން ކުރިން އަންގާފައެއް ވެސް ނެތް. މުޅި ތަނުގައި އޮތީ އެފް.ބީ.އައި.ގެ އޮފިސަރުން. އެ މީހުން އައިސް އަހަރެންގެ ތިޖޫރީ ވެސް ފަޅައިލައިފި،" މި ރޭޑާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އެފް.ބީ.އައި.އިން ޓްރަމްޕުގެ ގެޔަށް ރޭޑު ޖެހި ވަގުތު އޭނާ ގޭގައި ނޫޅުއްވައެވެ. އަދި، އެފް.ބީ.އައި.އިން ރޭޑު ޖަހާފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި ރޭޑުގެ ބޭނުމަކީ، ވައިޓް ހައުސް ދޫކޮށް ވަޑައިގެންނެވި އިރު، ޓްރަމްޕް ގެންދެވި ސިއްރު ލިޔެކިޔުންތަކެއް ހޯދުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ޤައުމީ އަރުޝީފުން ވަނީ، ޓްރަމްޕް ވަޑައިގަންނަވާފައި ވަނީ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތައް ހިއްޕަވައިގެން ކަމުގައި ބުނެ، އެ ކަން ކޮންގްރެސްއަށް އަންގާފައެވެ. މި ގޮތުން، ސިއްރު ލިޔެކިޔުންތައް ހިމެނޭ 15 ފޮށިގަނޑެއް ޓްރަމްޕް ގެންދެވި ކަމުގައި އެ އޮފީހުން ބުނެއެވެ.

ސިއްރު ލިޔެކިޔުންތަކެއް ވަގަށް ގެންދެވުމުގެ އިތުރުން ވެސް ޓްރަމްޕާ ދެކޮޅަށް ގިނަ މައްސަލަތަކެއްގެ ތަހުޤީޤު ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވެނީ، ކޮންގްރެސްއަށް ހަމަލާދީ، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލު ކުރަން ޓްރަމްޕް ކުރެއްވި މަސައްކަތްތަކެވެ. މީގެ އިތުރުން ވެސް، އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން އޭނާ މަސައްކަތް ކުރެއްވުމާ ގުޅޭ މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.