ޚަބަރު

ތައިލެންޑުގައި ކުރިއަށް ގެންދިޔަ ތަމްރީނުން ގިނަ ހިޔާލުތަކެއް !


މަހުގެ ތަފާތު އުފެއްދުންތަކާއި ރާއްޖެ ފަދަ ބައެއް
ޤައުމުތަކުގައި މަހުން ބޭނުން ނުކޮށް އުކާލާ ބައެއް ބައިތަކުން މުހިންމު
ބޭނުންތައް ކުރެވޭނެ އުފެއްދުންތައް އުފައްދަން ދަސްކޮށްދިނުމަކީ، ތައިލޭންޑަށް
މިފަދަ ކޯޕަރޭޓިވްސްތަކުގެ މެންބަރުން ފޮނުއްވުމުގައި ސަރުކާރުގެ އެންމެ ބޮޑު
ބޭނުމެވެ. މިކަމަށްޓަކައި ކޯޕަރޭޓިވްސްތަކުގެ މެންބަރުން ސަރުކާރުގެ ފަރާތުން
ބައިވެރިކުރެއްވީ ތައިލެންޑްގެ ކެސެޓްސަރޓް ޔުނިވަރސިޓީގައި،  ޕޯސްޓްހަރވެސްޓް އެންޑް ވޭސްޓް ޔުޓިލައިޒޭޝަން ޓެކްނޮލޮޖީ އޮފް ފިޝްގެ
ނަމުގައި ހިންގި ތަމްރީނު
ޕްރޮގްރާމެއްގައެވެ. 

މި ތަމްރީނު
ޕްރޮގްރާމްގައި ގއ. ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީންނާއި ނައިފަރު ކޯޕަރޭޓިވް
ސޮސައިޓީން ކޮންމެ ކޯޕަރޭޓިވްއަކުން ފަސް މެންބަރުން ބައިވެރިކުރެއްވިއެވެ. މި
ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 11 ން 22 އަށެވެ.
މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމުގައި ބޭނުންވާ އެހީތެރިކަން، ފިޝަރީޒް މިނިސްޓްރީގެ
އޮފިޝަލުން ތައިލޭންޑަށް ފޮނުއްވައިގެން، ކޯޕަރޭޓިވްސްގެ މެންބަރުންނަށް ވަނީ
ވެދެއްވާފައެވެ. މަހުގެ އުފެއްދުން ތައްޔާރުކުރާ ތަފާތު ކާރުޚާނާތަކަށް މި
ތަމްރީން ފުރިހަމަކުރި ދިވެހިން ޒިޔާރަތްކޮށް އެތަންތާނގައި ޢަމަލީގޮތުން ކުރެވޭ
މަސައްކަތްތައް ހިނގާގޮތް ބަލައި މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ.

މިދިޔަމަހު ތައިލެންޑްގައި ބޭއްވި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން މަހުގެ ތަފާތު އާ އުފެއްދުންތައް އުފައްދާނެ ޚިޔާލާއި ލަފާ ލިބިފައިވާކަމަށް މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ކޯޕަރޭޓިވްސްތަކުން ބުނެއެވެ. 

މަހުގެ އުފެއްދުންތައް އުފެއްދުމާބެހޭ ތަމްރީން
ޕްރޮގްރާމްގެ އެއްބައިވެރިއެއްކަމަށްވާ، ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ އެޑްމިން
އޮފިސަރ މުޙައްމަދު އައިމަން ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން މަހުގެ
އުކާލާ ބައިތައް ބޭނުންކޮށްގެން ނަފާ ހޯދިދާނެ ގޮތްތައް އެނގިގެން ދިޔަކަމަށެވެ. އަދި
މިފަދަ ތަކެތިން ނަފާ ހޯދިދާނެ އާ ޚިޔާލުތައްވެސް ލިބުނުކަމަށެވެ.



މިނިސްޓްރީ
އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރގެ އެސިސްޓެންޓް ޕޮލިސީ އެނަލިސްޓް ނާޒިމް މޫސާ
ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގައި ކޯޕަރޭޓިވްސްތައް ހިންގުމަށް ދެފަރާތުގެ
ޚިޔާލުބަދަލުކުރެވިގެން ދިޔަކަމަށާއި ކޯޕަރޭޓިވްސްތަކުގެ މަސައްކަތްތަކާމެދު
ވަރަށް އީޖާބީގޮތެއްގައި ތައިލެންޑްގެ ފަރާތުން ވާހަކަ ދެއްކިކަމަށެވެ.



ފިޝަރީޒް
ހިންގަވާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަސިފިކޭޝަން ޕްރޮގްރާމް (ފަޑިޕް) ޕްރޮގްރާމާ
ގުޅިގެން މަސައްކަތްކުރަމުންދާ ކޯޕަރޭޓިވް ސޮސައިޓީތަކުން މިހާރުވެސް އަންނަނީ
މަހުގެ ތަފާތު ވެލިއު އެޑަޑް އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެމުންނެވެ.



ވެލިއުޗެއިން
ކޯޕަރޭޓިވް އަދި ކުންފުނިތައް މެދުވެރިކޮށް، ކުދި ވިޔަފާރިއާއި މެދުފަންތީގެ
ވިޔަފާރީގައި ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ
އުފެއްދުންތަކަށް ވެލިއުއެޑްކުރުމާއި މާރކެޓް ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި
އެފަރާތްތަކަށް އާމްދަނީ ލިބޭނެގޮތް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން
ހިންގަމުންގެންދާ މިޕްރޮގްރާމްގެ އެހީގައި ރާއްޖޭގައި މިހާރު 7 ކޯޕަރޭޓިވް
ޙަރަކާތްތެރިވަމުން ދޭއެވެ.